Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

"ނާށިގަނޑު ފުރުނަސް" ވާ ކަމެއް ހަރާން!

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވާ ގޮތުން ސަލާން ޖަހަން މާލެ ދިއުމުން ކައުންސިލްގެ "ނާށިގަނޑު" އަބަދު ވެސް ފުރެ އެވެ. އަދި އެއީ މާ ރީތި ވާހަކައަކަށް ވެގެންނާއި ކައުންސިލުން ވަރަށް ކަންކަން ކުރާ ދައްކަން އުޅުނަސް އައްޑޫން ފެންނަނީ "އެ ފުރޭ ނާޑިގަނޑު" ގެ އެހީގައި ވެސް ކަމެއް ނުވެގެން އުޅޭ ތަނެވެ.

ނިކަން އާދައިގެ ކުޑަކުޑަ ކަމަކަށް ބަލައިލަމާ ހިނގާށެވެ؛ ހިތަދޫގައި ހަދާފައި ހުރި ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތަކުގެ ތެރެއިން ބެލްކަނީގެ ރެއިލިން ދަނބަރަށްވެގެން ވެއްޓޭ ތަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ އެވެ. އެ ފްލެޓްތައް ހަވާލުކުރި އިރު ވެސް ހާލަތަކީ ހަމަ މި އެވެ. ހާއްސަކޮށް މޫދާވީ ފަޅިއަށް ހުރި ގިނަ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންގެ ހާލަތު ވަރަށް ދެރަ އެވެ. މި ޝަކުވާ އެންމެ ފުރަތަމަ ފެންމަތިވީ ފްލެޓްތައް ނިންމިތާ މާ ގިނަ ދުވަހެއް ނުވަނީސް 2016 ގެ ތެރޭގަ އެވެ.

މި ފްލެޓްތަކުގެ ތެރެއިން މި އަހަރުގެ ކުރީކޮޅު އެންމެ ފަހުން ހަވާލުކުރި 28 ފްލެޓްގެ ތެރެއިން ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ފްލެޓްގެ މި ހާލަތާ ހެދީ ތިބި އެތަންތަނަށް ބަދަލުނުވެ އެވެ އެކަމަކު މި ރެއިލިންތައ ހައްލުވާނެ ކަމެއް ހައްލުކޮށްދޭނެ ކަމުގެ އެއްވެސް ކުލަވަރެއް، އިޝާރާތެއް ނެތެވެ.

އެހެންވެ އާއިލާތަކަށް ޖެހިފައި މިއޮތީ ކުޑަކުދިން ވެސް ގޮވައިގެން ބިރުވރިކަމެއްގެ ތެރޭގައި އުޅުމެވެ.

އެތައް ބަޔަކު މިހާރު އެތައް ފަހަރެއްގެ މަތިން މި ރެއިލިންތަކުގެ ވާހަކަ ކައުންސިލްގެ ސަމާލު ކަމަށް ގެނެސްފި އެވެ. މިހާރު މިއޮތް ކައުންސިލާއި ކުރީގެ ކައުންސިލަށް ވެސް މެ އެވެ. ނަތީޖާ ސުމެކެވެ. އެކަމަކު މި ފްލެޓްތަކުން މެއިންޓަނަންސް އަށް ފްލެޓްވެރިންގެ އަތުން ފައިސާ ނަގަ އެވެ. ނަމަވެސް ރެއިލިންތައް ހައްލުކޮށްދެވޭ ވަރެއް ނުވެ އެވެ. އެ ވަރުގެ ގާބިލުކަމެއް ކެރި ފޯރުންތެރިކަމެއް ނެތެވެ.

މިކަން ބޮޑުވެގެން މި ވާހަކަ މި އަހަރުގެ ކުރީކޮޅު ވެސް ބަޔަކު މީހުން ސޯޝަލް މީޑިއާގައި ރެއިލިންތަކުގެ ވާހަކަ ފޮޓޯތަކާ އެކީ އާންމުކުރި އެވެ. އަނެއްކާ މިހާރު ވެސް މިއޮތީ ހަމަ މި ވާހަކަ ބޮޑުކޮށްގެން ދައްކަން ޖެހިފަ އެެވެ.

މި ވާހަކައެއް މި ގޮތަށް ދެކެވެމުންދާ އިރު، މި އަހަރުގެ ކުރީކޮޅު ރެއިލިންތަކުގެ މަސައްތްކޮށް ދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން ތިން ފަހަރެއްގެ މަތިން ބީލަމަށް ވެސް ލި އެވެ. އެކަމަކު ބީލަން މަރުހަލާ ކެންސަލްކޮށް މިކަން މިހާރު މިކަން އޮތީ ވާނުވާގަ އެެވެ.

މި ޝަކުވާތަކާ އެކީ ފްލެޓްތައް ހުރި ދާއިރާ އަށް ނިސްބަތްވާ ކައުންސިލަރު އައިމިނަތު އަދާލާ ވެސް ދެއްކެވީ "ފާޑެއްގެ ބަހަނާތަކެކެވެ." އޭނަ ވިދާޅުވާ ގޮތުން ފްލެޓްތަކުގެ ރެއިލިން މައްސަލަ ހައްލުކުރުމަކީ "ބިޔަ ޕްރޮޖެކްޓް" އެކެވެ. އެހެންވެ އެކަން ކުރެވޭ ވަރުގެ "މާލީ ތަނަވަސްކަމެއް" ކައުންސިލަކު ނެތެވެ.

އަދާލާ ވިދާޅުވި ގޮތުން ރެއިލިންތަކުގެ މައްސަލާގައި މިހާރު ކަމާބެހޭ ބެހޭ އެތައް ފަރާތެއްގައި "ސަލާން ޖަހައިގެން ވެސް" މިއީ ކޮޅެއްމެދެއް ފެންނަން ނެތް ކަމެކެވެ.

"މޭޔަރާއި، މަޖިލިސް މެމްބަރުން. ޕްލޭނިން މިނިސްޓަރު އަދި މިނިސްޓްރީގެ އެކި ލެވެލްތަކުގެ ބޭފުޅުންނަށް އާދޭސް ދެންނެވިފައިވާ އިރު އަދިވެސް ހައްލެއް ލިބޭތަން ނުފެންނާތީވެ އިންތިހާ އަށް ކަންބޮޑުވޭ." އަދާލާ ވިދާޅުވި އެވެ.

ކައުންސިލަރުގެ މިކަންބޮޑުވުމަށް ވުރެ ފްލެޓްތަކުގައި އުޅޭ މީހުންގެ ކަންބޮޑުވުންތައް މާ ބޮޑެވެ. އެތަންތަނުގައި އުޅޭ މީހުން ތިބި އަވަސް ހައްލަކަށް "ސަލާން ޖަހަޖަހަ" އެވެ. އެކަމަކު އެ އަޑެއް އިވޭ ބަޔަކު ނެތެވެ.

ހުރިހާ ދިމާއަކުން ވެސް އޮތީ އިހުމާލެވެ. އެއް ބައެއްގެ ބޮލުގައި އަނެއް ބަޔަކު ޒިންމާ އަޅުވައި ކަންކަމުން ރެކެން އުޅޭ ތަން ނޫން މަންޒަރެއް ރައްޔިތުންނަކަށް ނުފެނެ އެވެ.

އަދާލާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މެއިންޓެނަންސަށް ލިބޭ ފައިސާ އިން އެތަނުގެ ލީކިން މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައި ވާއިރު ރެއިލިން ބަދަލުކުރުމަކީ "ބިޔަ ޕްރޮޖެކްޓެކެވެ."

"[އެހެންވެ] މި ފައިސާއިން [އެކަން] ކުުރެވޭނެ ގޮތެއް ނެތިގެން މިނިސްޓްރީ އަށް އެދެން ޖެހުނީ. އެހެނަސް މިކަމާ ގުޅޭ ގޮތުން މިނިސްޓްއިން ކުރެވުނު ތިންް އިއުލާންވެސް ބާތިލުކުރެވި މި މަސައްކަތް ލަސްވަމުންދާތީވެ ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ. "މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި އާދޭސް ދަންނަވަން."

ކައުންސިލާއި ކައުންސިލަރުން އާދޭސް ދެންނެވުމާއި "ނާށިގަނޑާ" އެކީ ސަލާންޖެހުމުގަ އެވެ. އެކަމަކު ފުރޭ ކަމަށް ބުނާ "ނާށިގަނޑަށް" އެޅޭ އެއްޗިއްސަށް ވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ފްލެޓްގަނޑެއްގެ ރެއިލިން ބަދަލުކޮށްދެވޭ ވަރު ސަލާން ޖަހައިގެން ވެސް ނުވާ ނަމަ ކައުންސިލަށް ވާ ކަމެއް ހަމަ ހަރާމެވެ.