Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

މަރަދޫ ޓާފް ދަނޑު މި މަހު ނިމޭނެ: ނާދިރު

އައްޑޫ މަރަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް އަޅައި މި މަސް ނިމޭއިރަށް ނިމޭވަރު ވާނެ ކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު ވިދާޅުވެއްޖެ އެވެ.

މަރަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ގުޅޭގޮތުން "އައްޑޫލައިވް" އަށް ވިދާޅުވީ ދަނޑުގައި އަޅާ ޓާފް ގެނެސްފައިވާ ކަމަށާއި މިހަފްތާ ނިމޭ ހިސާބަށް ޓާފް މަރަދޫއަށް ގެނެވޭވަރުވާނެކަމަށް ކޮންޓްރެކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަރަދޫ ދަނޑުގެ މަސައްކަތް ތިން ފަހަރެއްގެ މަތިން އިއްލާން ކުރެވި، ކޮންޓްރެކްޓު މިހާރު ހަވާލު ކުރެވި މަސައްކަތް ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ދާގޮތުން މިމަހުގެ ނިޔަލަށް ދަނޑު ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ޓާފް ގެނެސް މިހާރުވީ މާލޭގައި، މި ފަހްތާ ފަހުކޮޅު އައްޑު އަށް ޓާފް ގެނެވޭނެ. ސަބް ބޭސް މަސައްކަތް ނިންމި އިރު އެތަނުން ނެގި ފަސް ދަނޑުގެ އަރިމައްޗަށް އަޅާފައި އޮތުމުން އެެކަން ހައްލު ކުރުމަށް މިހާރު މިނިސްޓްރީ ވާނީ ހުށަހަޅާފައި، އެއީ މިނިސްޓްރީން ކުރި މަސައްކަތަކަށްވާތީ އެކަން ހައްލު ކުރުމަށް." ނާދިރު ވިދާޅުވި އެވެ.

މަރަދޫ ދަނޑުގެ މަސައްކަތް ނުނިމި ދިގުލާތީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ މަހްލޫފު އާއި ސުވާލު ކުރައްވާފައެވެ.

ޝަރީފުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތް ވަނީ ކައުންސިލާއި ހަވާލު ކުރެވިފައި ކަމަށާއި، ބޯޅަ އޮތީ ކައުންސިލް ކޮޅުގައި ކަމަށެވެ.

މަރަދޫ ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ ރަށުގެ ގިނަ ޒުވާނުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.