Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޓެކްނޮލޮޖީ ރައްކާތެރިކޮށް ބޭނުންކުރަން ޖެހޭ

ސައިބަ ސޭފް މޯލްޑިވްސް ޤައުމީ ކެމްޕޭން ވާނީ ރައްކާތެރިކަމާ އެކީ އިންޓަނެޓާއި، ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރަން އެޅޭ ބިންގަލަކަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެންވަޔަރަންމަންޓްރީ އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ "ނޭޝަނަލް ސައިބަ ސެކިއުރިޓީ އެވެއަރނަސް މަންތު 2022" ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ފައިސަލް ވިދާޅުވީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސް ނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން އިންޓަނެޓާއި ޓެކްނޮލޮޖީގެ ރައްކާތެރިކަމަށް ރޭވިގެން އެކަމެއް ކުރަން ޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަން ޖެހޭ ޚަރަދާއި ކުރިމަތިލާން ޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަން ވެސް ދަތިކަންތައް ކަމަށް ވިދާޅުވި އެވެ.

"އިންޓަނެޓާއި، ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ އެއާ ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއް. އެގޮތުން، އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޯވިޑް-19 ގެ ޙާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރިން،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް މިހާރަކު ނެތެވެ. އެހެންވެ އޭގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގާ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ "އިންޓަނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް" އާއި "'ފިޝިން އަދި އަމިއްލަ ރައްކާތެރިކަން" އާއި "ރެންސަމް ވެއާ އާއި މަލްވެއަރ އިން ރައްކާތެރިވުން" އަދި "އީ-ކޮމަރސްގެ ރައްކާތެރިކަން" މި އެވެ.

ސައިބަ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. އެގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގަން ރާވާފައިވާ އިރު، އޭގެ ތެރޭގައި، ހަތް ޓްރެއިނިން ޕްރޮގްރާމަކާއި ތިން ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއް ހިމެނެ އެވެ.