Last Updated: April 25, 22:42
Friday, April 26, 2024
ވިޔަފާރި

އީލޮން އަލުން ޓްވިޓާ ގަންނަން ބޭނުންވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް، ޓްވިޓާ ގަތުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ޓްވިޓާ ގަންނަން މިދިޔަ އޭޕްރީލް މަހު ފެށި މަސައްކަތް ހުއްޓާލިކަން އީލޮން އިއުލާންކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ޓްވިޓާ ގަތުމުގެ މަސައްކަތް އީލޮން ހުއްޓާލުމާ ގުޅިގެން އެއްބަސްވުމާ އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ އީލޮން ގޮވައިގެން ކޯޓަށް ދިޔުމަށް ޓްވިޓާ އިން ވަނީ ނިންމާފަ އެވެ.

ނަމަވެސް އީލޮންގެ ފަރާތުން ޓްވިޓާ އަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ ކުރިން ވެސް ހުށަހެޅި އަގުގައި ޓްވިޓާ ގަތުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޓްވިޓާ ގަންނަން އީލޮން ހުށަހަޅާފައިވަނީ 44 ބިލިއަން ޑޮލަރެވެ.

ޓްވިޓާ ގަތުމުގެ މަސައްކަތް ހުއްޓާލަން އީލޮން މީގެކުރިން ނިންމީ އެ އެޕްގައި ހުރި ފޭކު އަދި ސްޕޭމް އެކައުންޓުތަކާ ގުޅޭ އެކަށީގެންވާ މައުލޫމާތު ހާމަކުރުމުގައި ޓްވިޓާ ނުކުޅެދިފައިވާ ކަމަށް ބުނެ އެވެ. އެގޮތުން ޓްވިޓާ މެދުވެރިކޮށް މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރި ނަމަވެސް އެކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށް އީލޮން ހާމަކޮށްފައިވެ އެވެ.

ޓްވިޓާ އިން މީގެކުރިން ބުނެފައިވާ ގޮތުގައި ޓްވިޓާގައި ބޭނުންކުރާ ޖުމްލަ އެކައުންޓުތަކުގެ ތެރެއިން ފޭކް އެކައުންޓުތަކުގެ ނިސްބަތަކީ ފަސް ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ. ނަމަވެސް އީލޮން ވަނީ ޓްވިޓާގެ އެ ތަފާސް ހިސާބު ގަބޫލުކުރަން ދެކޮޅު ހަދައި އެފަދަ އެކައުންޓުތަކުގެ އަދަދު 20 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފަ އެވެ.

އީލޮންގެ ނިންމުން ބަދަލުކޮށް ޓްވިޓާ ގަތުމުގެ މަސައްކަތް އަލުން ފަށަން ނިންމި ސީދާ ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.