Last Updated: February 4, 06:45
Saturday, February 4, 2023
ޚަބަރު

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރަން ފަށައިފި

އައްޑޫ ހިތަދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު މި މަސައްކަތް އިފުތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ހިތަދޫ ގޮނޑުދޮށުން ގިރާ ސަރަހައްދު ހިމާޔަތްކުރަން ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެއީ މަސައްކަތް ފަށާތާ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް ހަރަދުވާނީ 11.65 މިލިއަން ރުފިޔާ އެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް، 750 މީޓަރު ސަރަހައްދު ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ ވެސް ގާއިމްކުރާނެ އެވެ.

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީން ފެށި އިރު، އެ ކުންފުންޏަކީ މިހާރު ވެސް އައްޑޫގައި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދެކުނުގެ ސަރަހައްދީ ބަނދަރާއި ހިތަދޫ ބަނދަރު ތަރައްގީކުރުމާއި ހުޅުދޫ ބަނދަރު ހެދުމާއި މީދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުން ހިމެނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާދަމް ވިދާޅުވީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރަން ކުރާ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައިލެވޭނެ ކަމަށާއި އެ ކުންފުންޏަކީ އަބަދު ވެސް ހަވާލުވާ މަޝްރޫއުތައް އެއްބަސްވާ މުއްދަތަށް ނިންމަން ވަރަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.