Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ގަމުގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ބީލަމަށް

އައްޑޫ ގަމުގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަން ކައުންސިލުން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން، ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް 150-160 ދުވަހުގެ ތެރޭގައި، ގާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ރަޖިސްޓްރީވާން 300ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު، ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކައުންސިލް އިދާރާ އިން ވިއްކާނެ އެވެ.

މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ ގަމުގައި ހަދަން ނިންމާފައިވާ ރީޖަނަލް ކަރަންޓީން ފެސިލިޓީގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 33،814.2ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް ކަމަށެވެ.

ކޯޒްވޭއަކުން ފޭދުއާ ގުޅާލާފައި އޮންނަ ގަމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ރަށެވެ. އަދި މި ތަނަކީ އައްޑޫގެ އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީ ކަމަށްވާ އީކްއޭޓަ ވިލެޖް ވެސް ހިންގަމުން އަންނަ ރަށެވެ. ގަމަކީ އެމްއެންޑީއެފް ސަދަން ކޮމާންޑްގެ އިތުރުން ޕޮލިސް ސްޓޭޝަނެއް ވެސް ހުންނަ ރަށެކެވެ.

ކޮވިޑާ ގުޅިގެން ކުރިން ގަމުގެ ދޫގަސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ.