Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ރާއްޖޭގައި ފްލޯޓިން ގެތަކެއް ދައްކާލައިފި

މާލެ އަތޮޅުގައި ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިން ތަރައްގީކުރަން ނިންމާފައިވާ ފްލޯޓިން ސިޓީގައި ހުންނާނެ ގެތަކުގެ ތެރެއިން ނަމޫނާ ގެތަކެއް ދައްކާލައިފި އެވެ.

މި ސިޓީ ތަރައްގީކުރަނީ މުންދަނީ މާލެ އަތޮޅު އާރަށް ކައިރީ އޮންނަ ފަޅެއްގަ އެވެ. އެތަނަށް ލޯންޗެއްގަގައި 10 މިނެޓުން ދެވޭނެ އެވެ. ފްލޯޓިން ސިޓިގައި ނަމޫނާ ގެއެއް ހެދުމުގެ މަސައްކަތް ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސްއިންނެވެ. .

މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓްގެ ރާއްޖޭގެ ކޮންސަލްޓަންޓް އިބްރާހީމް ރިޔާޒް ކުރެއްވި ޓްވީޓެއްގައި ފްލޯޓިން ސިޓީގެ ނަމޫނާ ގެ ދައްކާލާފައިވެ އެވެ. އޭނާ ވިދާޅުވީ މޫސުން ރަނގަޅުވުމުން އެތަން މީޑިއާތަކާއި އާއްމުންނަށް ވެސް ދައްކައިލަން ހަމަޖެހިފައިވާ ކަމަށެވެ.

ނަމޫނާއެއްގެ ގޮތުގައި ފުރަތަމަ ދައްކައިލަން ހަމަޖެހިފައި ވަނީ ފްލޯޓިން ސިޓީގެ މަގެކެވެ. އެ މަގުގެ ދެ ފަރާތުގައި ގެތައް ހުންނާނެ ކަމަށާއި، މަގުގައި ގަސްތައް ހުންނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފްލޯޓިން ސިޓީގެ ގެތައް އިމާރާތްކޮށްފައި ވަނީ ފްލޯޓިން ސިޓީ ތަރައްގީކުރާ ސަރަޙައްދާ 45 މިނެޓު ދުރުގައި އޮންނަ ރަށެއްގެ ފަޅުތެރޭގަ އެވެ. ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތިގައި ވައި މަޑުވެ، މޫސުން ރަނގަޅުވުމުން އަންނަ ހަފުތާތެރޭ ގެތައް، ފްލޯޓިން ސިޓީ ތަރައްގީކުރާ ފަޅަށް ގެންދިޔުމުގެ މަސައްކަތްކުރެވޭނެ އެވެ. އަދި ގެތައް އެތަނަށް ގެންދާތާ ތިން ދުވަސްތެރޭ އެތަން އާއްމުންނަށް ދައްކާލުމުގެ މަސައްކަތް ފަށާނެ އެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގަން ރާވާފައިވާ މި މަޝްރޫއުގެ ދަށުން، 500،0 ހައުސިން ޔުނިޓް އަޅާ ގޮތަށް ޕްލޭންކޮށްފައިވެ އެވެ. ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައް ހަދަން ޕްލޭންކޮށްފައިވެ އެވެ. އަދި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.