Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އޭޓީއެމްތަކަށް ހިތަދޫން ހިލޭ ބިން ނުދޭން ނިންމައިފި

* އޭޓީއެމް ބަހައްޓަން ހިތަދޫން ހިލޭ ބިން ދިނުމަށް ހުށަހެޅި ހުށަހެޅުމަށް ވޯޓު ހަމަހަމަ ވުމުން އެގޮތަށް ފާސް ނުކުރުމަށް ވޯޓު ދެެއްވީ މޭޔަރ އަލީ ނިޒާރު
* ބޭންކަށް އޭޓީއެމް ބަހައްޓަން ބޮން ދިނުމަށް އެންމެ ދެކޮޅު ހެއްދެވީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު
* ރައްޔިތުންގެ ފަސޭހައަށް ހިތަދޫގެ ދެ ކޮޅުގައި އޭޓީއެމް ބެހެއްޓުމަށް ބޭންކަށް ހިލޭ ބިން ދިނުމަށް ހުށަހެޅުއްވީ ކައުންސިލަރު އަހުމަދު ސައީދު

ކުލީ ބިމެއްގެ ގޮތުގައި ނޫން ގޮތަކަށް ހިތަދޫގައި އޭޓީއެމް ބަހައްޓަން ބިން ނުދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުގެ އިތުރުން ހިތަދޫ މޫލެކެޑެ ހިތަދޫ ސްކޫލް ސަރަހައްދުގައި އޭޓީއެމެއް ބެހެއްޓުމަށް ބޭނުންވާ ބިން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިނުމަށް ކައުންސިލަށް ހުށަހެޅީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދުއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލް ޖަލްސާއަށް ކައުންސިލްގެ ލޭންޑު އެންޑު ޓްރާސްޕޯޓުން ކޮމެޓިން ހުށަހެޅި މައްސަލަ ގައި ބީއެމްއެލް އިން ހިތަދޫގެ ދެ ސަރަހައްދެއްގައި އޭޓީއެމް ބެހެއްޓުމަށް ހުށަހެޅި މައްސަލާގައި ކޮމެޓީން ވަނީ ބޭންކުން އެދިފައިވާ ބިމުގެ ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 2ރ. ނެގުމަށް ނިންމައިފަ އެވެ. އެގޮތުން ބޭންކުން ހުށަހެޅި ދެ ބިމަށް 1،200ރ. މަހު ކުއްޔަށް ނެގުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ.

އެ ހުށަހެޅުމަށް އިސްލާހު ހުށަހަޅުއްވަމުން މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ ބޭންކުން ރައްޔިތުންގެ ފައިދާއަށް އޭޓީއެމް ބަހައްޓާ އިރު އެ ބިމުން ކުލި ނެގުމުގެ ބަދަލުގައި އެކަމަށް ކައުންސިލުން އެެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މޫލެކެޑެ ސަރަހައްދުގައި ހުންނަ މީހަކު އޭޓީއެމް އިން ފައިސާ ނެގުމަށް 60ރ. ހަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކައުންސިލަރު ސައީދު.

އެހެންވެ ކައުންސިލަރުންގެ ފަރާތުން މި ބިން ހިލޭ ބޭންކަށް ދިނުމަށް ތާއިދު ކުރުމަށް ސައީދު ހުށަހަޅުއްވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ ކައުންސިލަކަށް ބޭންކަށް ހިލޭ ބިން ނުދެވޭނެ ކަމަށެވެ. އެގޮތުން ޝުއާއު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބޭންކުން ބޮޑު އިންޓްރަސްޓުގައި ލޯނު ދީ ބޮޑު ފައިދާ ހޯދަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންކުން ލޯން ނަގަން އެދުމުން ބޮޑު އަގުގައި 11 ޕަސެންޓުގައި ލޯނުދީ ކުއާޓާއަކުން 50 މިލިއަން 100 މިލިއަން ފައިދާ ނަގަމުން އަންނަ ބޭންކުން 600ރ. ދައްކަން ޖެހުމުން އެކަން ކައުންސިލުގެ ނިންމުންތަކާއި ގަވާއިދތަކުގެ ތެރެއިން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ހުށަހެޅިއަސް އެކަން އެގޮތަށް ކޮށް ނުދެވޭނެ ކަމަށެވެ.

އަދި އާއްމު ވިޔަފާރިވެރިން ވެސް ކުއްޔަށް ބިން ނަގައި އެ ބިންތަކުގައި ވިޔަފާރި ކުރަމުން އަންނަ އިރު ބޭންކުން އޭޓީއެމް ބަހައްޓަން ވެސް ކުއްޔަށް ނޫން ގޮތަކަށް ބިން ނުދެވޭނެ ކަމަށެވެ.

މި މައްސަލާގައި ދެވަނަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބޭންކަށް ލިބޭ ފައިދާ އަށް ކައުންސިލަރުން ހަސަދަވެރިވެ އެ ވާހަކަ ދެއްކުމަކީ ދެރަކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކައުންސިލަރުން ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން އެދެމުން އަންނަ ކަމަކަށްވާ އިރު މިކަމަށް ކައުންސިލުން މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށް ސައީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

މި މައްސަލަ އަށް ވޯޓަށް އެހުމުން ބީއެމްއެލް އަށް އޭޓީއެމް ބެހެއްޓުމަށް ތާއިދު ކުރެއްވީ ފަސް ކައުންސިލަރުންނެވެ. އެއީ ކައުންސިލަރު އަހުމަދު ސައީދާއި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރުގެ އިތުރުން ހިތަދޫ މާމެންދޫ އާމިނަތު އަދާލާ އާއި މަރަދޫފޭދޫ ކައުންސިލަރު ޚާލިދާ މުހައްމަދު އަދި ހުޅުދޫ ކައުންސިލަރު ފައިޒުއް ރަހްމާނެވެ.

ނުފެންނަ ކަމަށް ވޯޓު ދެއްވީ ވެސް 5 ކައުންސިލަރުންނެވެ. އެއީ ޝުއާއު އާއި ހިތަދޫ ކޮރަވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒުގެ އިތުރުން ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އަދި މީދޫ ކައުންސިލަރު އާމިނަތު ސާލިހާ އެވެ. ވޯޓު ހަމަހަމަ ވުމުން ރިޔާސަތުން މޭޔަރު އަލީ ނިޒާރު ވަނީ ކުލި ނުނަގައި ބިން ދިނުމަށް ދެކޮޅު ހައްދަވައިފައެވެ. އެއާ އެކީ ކުއްޔަކާ ނުލައި ބޭންކަށް ބިން ނުދޭ ގޮތަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.