Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ފޭދޫން ބިމެއް ދިނުމުން މޭޔަރުގެ މައްސަލައެއް އޭސީސީ އަށް!

އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ބިން ދޫކުރުމުގެ އުސޫލާއި ހިލާފަށް ބޮޑު ބިމެއް ފޭދޫ ބަނދަރުން ބަޔަކަށް ދިން މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ފޭދޫ ހިއްކި ބިމުން އެއްލައްކަ އަކަ ފޫޓުގެ ބިމެއް ދީފައި ވަނީ އެމްޓީސީސީން ފުވައްމުލަކު މަގު ހެދުމަށް ގެނެސްފައިވާ ހިލަވެލި ބެހެއްޓުމަށެވެ. މި ހިލަ އަކީ އެމްއެމް އެކްސްޕޯޓުން ގެނެސް ފޭދޫ ބަނދަރުގައި ބަހައްޓާފައިވާ ހިލަވެލިއެވެ. އަދި މި ހިލަވެލި ފުވައްމުލަކަށް ސަޕްލައި ކުރަމުން ދަނީ ލިއޯ ކުންފުނިންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ރަސްގެދަރު ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީޒު އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޓީސީސީއިން ފުވައްމުލަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓަކަށް ބޭނުންވާ ހިލަވެލި ހުސްކުރުމަށް ފޭދޫ ބަނދަރު ކައިރިން 1 ލައްކަ އަކަ ފޫޓުގެ ބިމެއް ބޭނުން ކުރުމުގެ ހުއްދަ އައްޑޫގެ މޭޔަރ އަލީ ނިޒާރު ދީފައިވަނީ ކައުންސިލުގެ ނިންމުމެއް ނެތި ކަމަށެވެ. އަދި ބިން ބޭނުން ކުރާތާ 5 މަސް ވެފައިވާ އިރު އެ މައްސަލަ އާއި ގުޅިގެން ކައުންސިލުން ފިޔަވަޅެއް އަޅާފައި ނުވާ އިރު ހިލަވެލި ހުސް ކުރާ ކުންފުނީގެ އުޅަނދު ތައް ބަނދަރު ބޭނުން ކުރާ އިރު އެ އުޅަނދުތަކުން ބަނދަރުން ނަގަން ޖެހޭ ފީ ނުނަގާ ކަމަށެވެ. މި މައްސަލަ އޭސީސީއިން މިހާރު ވަނީ ބަލައިގެންފައެވެ.

ފޭދޫ ބަނދަރުން ބޮޑު ބިމެއްގައި ހިލަވެލި ބަހައްޓާފައިވާ އިރު އެ ހިލަވެލިތައް ކައުންސިލަރަކު ވިއްކާ ކަމަށް މީގެ ކުރިން ކައުންސިލްގެ ޖަލްސާއއެއްގައި ވަނީ ފާހަގަކޮށްފައެވެ.

ފޭދޫ ބަނދަރު މަތީގައި ބަހައްޓާފައިވާ ހިލަތަކާއި ގުޅޭގޮތުން އައްޑޫގެ މޭޔަރ އަލީ ނިޒާރު އައްޑޫލައިވް އަށް ވިދާޅުވީ ބިން ދޫކޮށްފައިވަނީ އެމްޓީސީސީގެ ސިޓީ އަކުން އެދުމުން ކަމަށާއި، ބިން ދޫކުރީ ކައުންސިލުން ނިންމައިގެން ނޫންކަމަށެވެ.

އަދި ކައުންސިލުން ނުނިންމައި ބިން ދޫކރެވިދާނެތޯ އައްޑޫލައިވްއިން ސުވާލު ކުރުމުން މޭޔަރ ވިދާޅުވީ ސަރުކާރުގެ މަޝްރޫއަކަށް އެގޮތަށް ބިން ދޫކުރެވިދާނެކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

ނިޒާރު އިތުރަށް ވިދާޅުވީ ބިން ދޫކުރީ 1 މަސް ދުވަހަށް ނަމަވެސް މިހާރު 5 މަސް ވެގެން ގޮސްފައިވާ އިރު ބިމަށް ކުލި ނެގުމާއި ގުޅޭ ގޮތުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުއްޔަށް ކިހާވަރެއް ނެގުމަށް ނިންމާފައިވޭތީ ސުވާލު ކުރުމުން ވިދާޅުވީ އެފަދައިން ވަކި މިންވަރެއް ނިންމާފައި ނުވާ ކަަމަށެވެ.

މީގެ އިތުރުންވެސް ހިލަވެލި އުފުލުމަށް ބަނދަރަށް ވަންނަ އުޅަނދުތަކުން ފީ ނަގާތޯ ސުވާލު ކުރުމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ އެ ފަރާތަށް އިންވޮސް ކުރުމަށް ނޯޓު ކުރަމުން އަންނަ ކަމަށެވެ.

މައްސަލަ އޭސީސީއަށް ހުށަހެޅި ހުސައިން ޒަރީރު މިއަދު ޢައްޑޫލައިވްއަށް ވިދާޅުވީ މައްސަލަ އޭސީސީއަށް ހުށަހެޅި މި ބިމުން އައްޑޫ ރައްޔިތުން ލިބެން އޮތް މަންފާއަށް މޭޔަރު ހުރަސް އެޅުމުން ނާއި، މިކަމާއި ގުޅޭގޮތުން ތަފާތު ގޮތްތަކަށް ވާހަކަތައް ދެކެވެމުންދާތީ އެކަން ސާފު ކުރުމަށް ތަފާތު ފަހަރު މަތިން ކައުންސިލްގެ ޖަލްސާގައި ސުވާލު ކުރުމުންވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބޭތީއެވެ.

"މިކަމަކީ އެކަނި މޭޔަރަށް ނިންމޭނެ ކަމެއް ނޫން، މިއީ ކައުންސިލުން ނިންމައިގެން ކުރިއަށް ގެންދެވޭނެ ކަމެއް، މިގޮތަށް އެކި މީހުންނަށް ބިން ނުދެވޭނެ، މީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ލިބެން ޖެހޭ މަންފާ ނުލިބި މިދަނީ" ޒަރީރު ވިދާޅުވިއެވެ.