Last Updated: April 25, 08:39
Thursday, April 25, 2024
ވިޔަފާރި

އިންޑިއާ އިން ޑިޖިޓަލް ފައިސާ ބޭނުން ކުރަނީ

އިންޑިއާ އިން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކްރިޕްޓޯ ނުވަތަ ޑިޖިޓަލް ފައިސާ ބޭނުންކުރަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ނެރުނު ބަޔާނެއްގައި ބުނީ ތަޖުރިބާކުރުމުގެ ގޮތުން ޑިޖިޓަލް ފައިސާ ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާާއި ޑިޖިޓަލް ފައިސާ ބޭނުން ކުރާނީ ވެސް އެކަމަށް ހާއްސަ ކަނޑައެޅޭ ދާއިރާތަކުގެ ތެރޭގައި ކަމަށް އާރްބީއައި އިން ބުންޏެވެ.

"މިކަން ކުރަން ނިންމީ ކްރިޕްޓޯގެ ސަބަބުން ލިބޭ ފައިދަކާއި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތަކަކާ ގުޅޭ ގޮތުން ވެސް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބެލުމަށް ފަހު،" ބަޔާނުގައި ބުންޏެވެ. "އަދި މިކަން ކުރާނީ މާލީ ނިޒާމަށް ގެއްލުމެއް ނުވާނެ ގޮތަށް ނުވަތަ ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތްތަކަށް ބަލައިގެން. މަރުކަޒީ ބޭންކްގެ ޒިންމާއެއް މިކަން ވަރަށް ހަރުދަނާ އަދި ބެލެހެއްޓުންޓެރި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންގޮސް ޑިޖިޓަލް ފައިސާގެ ރައްކާތެރި ކަމަށް އާންމުންގެ އިތުބާރު ހޯދައި ދިނުމަކީ."

އާރްބީއައި އިން ބުނި ގޮތުގައި އަމާޒަކީ ރީޓެއިލާއި ހޯލްސޭލް ވިޔަފާރީގައި ވެސް ޑިޖިޓަލް ފައިސާ ބޭނުންކުރުމެވެ. އެގޮތުން ރީޓެއިލް ވިޔަފާރި އަށް އަމާޒުކުރަނީ "ޓޯކެން-ބޭސްޑް" މުއާމަލާތް ކަމަށާއި ހޯލްސޭލްގައި ބޭނުން ކުރާނީ "އެކައުންޓް-ބޭސްޑް" މުއާމަލާތް ކަމަށް ވެސް ބުންޏެވެ. އަދި މި މުއާލާތްތައް ހިނގާނީ ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރެންސީ (ސީބީޑީސީ) ގެ ތެރެއިން ކަމަށް ވެސް އާރްބީއައި ބުންޏެވެ.

އިންޑުއާ އިން ޑިޖިޓަލް ފައިސާ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ބޭނުން ކުރަން ނިންމި އިރު، އެ ގައުމަކީ ކުރިން މި މުއާލާތާ ވަރަށް ބީރައްޓެހި ވިސްނުންތަކެއް ގެންގުޅެމުން އައި ގައުމެކެވެ. ނަމަވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯގެ މުއާމަލާތް އިތުރުވެ، އާންމުންގެ މަގުބޫލުކަން ވެސް އަންނަނީ ވަރަށް ބޮޑަށް ލިބެމުންބެވެ.