އިންޑިއާގެ އެފްކޮންސް އިން މިހާރު ކުރިއަށް ގެންދާ ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން ބްރިޖް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން ކުރި ސާވޭ، ގަބޫލުނުކޮށް އަލުން ސާވޭ ހަދަން ޑިމާންޑްކޮށްފި އެވެ.
ވިލިމާލެ ފަރަށް އޮގަސްޓް މަހުގެ 16 ގައި އެރި ޕްލެޓްފޯމް އެފްކޮންސް އިން ނެގީ އޭގެ 12 ދުވަސް ފަހުން އެ މަހުގެ 27 ގަ އެވެ. ފަރަށް ޕްލެޓްފޯމް އެރުމާ ގުޅިގެން އެތަނަށް ލިބުނު ގެއްލުންތައް ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހެދި ސާވޭ އިން ދައްކާ ގޮތުގައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، 10 ވަރަކަށް ފޫޓްގެ ފުން، ބޮޑު ވަޅުގަނޑުތަކެއް ވެސް ހެދިފައިވެ އެވެ.
ނަމަވެސް ސާވޭގެ އެ ހޯދުން ގަބޫނުލުކޮށް އެފްކޮންސް އިން މިހާރު އަލުން ސާވޭ ހަދަން ބޭނުންވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އެތަނުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނަހީމު ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ފަރަށް ލިބިފައިވާ ގެއްލުންތައް ބަލަން އީޕީއޭ އިން ސާވޭ ހަދެއިރު، އެފްކޮންސް އެކަމުގައި ހިއްސާވުމަށް އެ ކުންފުނީގެ އިންޝުއަރެންސްގެ ފަރާތުން މީހަކު ބައިވެރިވާނެކަން ކުރިން ސިޓީއަކުން އެންގި ކަމަށެވެ. އެކަމަކު ފަހުން އެކަމަށް އެއްބަސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނައީމު ވިދާޅުވީ މިކަމުގައި އެފްކޯންސް ބޭނުންވެއްޖެ ނަމަ ސާވޭގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދޭން ކޯޓުން ވެސް ނިންމާފައި އޮތް ކަމަށެވެ. އެހެންވެ އަވަސް އަރުވާލައިގެން ފިޔަވަޅު އަޅަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
ފަރަށް ލިބުނު ގެއްލުންތައް ބަލަން އެފްކޯންސްން އަމިއްލަ އަށް ސާވޭއެއް ހަދަން ބޭނުންވާ ކަމަށް އެންގި އިރު، ސަރުކާރުން ކުރިން ބުނެފައި ވަނީ ވަކި ގައުމެއްގެ ވަކި ކުންފުންޏަކަށް ވީތީ އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.
އަދި ފަރަށް ގެއްލުންތަކަށް އެކަށީގެންވާ ފިޔަވަޅު އަޅައި ބަދަލު ހޯދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.