Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ނޮވެމްބަރަށް ނިމޭނެ

އައްޑޫގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ ކަމަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފޭދޫގެ ލޭންޑް ޔޫޒް ޕްލޭން ނިމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ އެސްޖީ ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތުގެ ތެރެއިން ފޭދޫގެ މަސައްކަތް އެއްކޮށް ނިންމައިލެވުނު އިރު، މަރަދޫފޭދު އާއި މަރަދޫގެ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ފާހަގަކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު މެޕަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ހިތަދު އާއި މީދޫ އަދި ހުޅުދޫގެ މެޕްގެ މަސައްކަތުގެ ތެރެއިން ބާކީ އަދި މަސައްކަތްތަކެއް ހިމެނޭ ކަމަށް ޝުޖާ އެވެ.

"އެކަމަކު ޖުމްލަކޮށް ބާކީ މިއިން ފަސް އަވަށުގެ ހިއްކަން އޮތް ބިންތަކުގެ މައުލޫމާތު އެއްކޮށްގެން ނޫނީ ލޭންޑް ޔޫސް ޕްލޭން ނުނިމޭނެތީ، ލޭންޑް ޔޫސް ޕްލޭނަށް ކުރަން ޖެހޭ އެ ނޫން ހުރިހާ މަސައްކަތެއްހެން ނިމިފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ. "ގާތްގަނޑަކަށް ދަންނަވަންޏާ އެ އެ އަވަށްތަކުގެ ނުވަދިހަ ފަސް ޕަސެންޓް މެޕްތަކުގެ މަސައްކަތް މި ވަނީ ނިމިފައި."

ޝުޖާ ވިދާޅުވި ގޮތުގައި ހުޅުދު އާއި މީދޫގެ މަސައްކަތްކަށް ބަދަލުތަކެއް ގެންނަން ޖެހުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން އިތުރު ފިޒިކަލް ސާވޭތަކެއް ހަދަން މިހާރު ނިންމައިފަ އެވެ.

"އެހެންވީމަ ދެން އޮތީ ރިޕޯޓްތައް ނިންމުން. އެ މަސައްކަތުގެ ތެރެއިން މަރަދު އާއި ފޭދޫ ރިޕޯޓްގެ މަސައްކަތުގެ ހަތްދިހަ ޕަސަންޓް މިހާރު ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ. "ދެން އަނެއް ތިން އަވަށުގެ ރިޕޯޓްތަކުގެ މަސައްކަތް ފަށާނަން މި މަސް ނިމޭ އިރަށް. އެހެންވީމަ ގާތްގަނޑަކަށް ޓާގެޓް މި ކުރަނީ ހުރިހާ ރިޕޯޓެއް ނޮބެމްވަރު މަސް ނިމުމުގެ ކުރިން ނިންމާލުމަށް. އެހެންވީމަ ރިޕޯޓްތައް ނިމޭ ވަރަކުން ރިޕޯޓްތަކަށް ހުއްދަ ހުއްދަ ހޯދަން ފޮނުވަމުން ގެންދާނަން."

ޝުޖާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކަށްވި އެއް ކަމަކީ ރިޕޯޓްތަކަށް ބޭނުންވާ މައުލޫމާތު ކުރިން ނެގިފައި ނެތުމުން އެކަމަށް ގިނަ ވަގުތު ދިއުމެވެ. ނަމަވެސް އައްޑޫގެ ޓޮޕޮގްރަފީ މެޕެއް ކުރިން ހަދާފައި އޮތުން ވީ ވަރަށް ބޮޑު ލުޔަކަށް ކަމަށް ވިދާޅުވި އެވެ.

"އެންމެ ޗެލެންޖިން ކަމަކަށް ދިމާވި ކަމަކީ ބައެއް ސްޓެޓިސްޓިކް ޑޭޓާ އަޅުގަނޑުމެން އަތުގައި ނެތީމަ އެއަށް ދިޔަ ވަގުތުތައް އަސްލު ބޮޑަށް ލަސްވެގެން ވެސް ދިޔައީ." ޝުޖާ ވިދާޅުވި އެވެ.

އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކިން އަވަށްތަކުގެ ރައްޔިތުންނާ ވެސް ބައްދަލުކޮށް އެ މީހުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.