Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަނީ

ޝަަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް އޭނަގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ހަދަން ނިންމައިފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ވަނީ އެ ހަނދާނީ ބިނާ ފަރުމާކުރަން ފުރުސަތި ހުޅުވައި، ޝައުގުވެރިވާ ފަރާތްތަކަށް ފަރުމާތައް ހުށަހަޅަން މި މަހުގެ 25 އާ ހަމައަށް ފުރުސަތު ވެސް ދީފަ އެވެ. އެގޮތުން ހުށަހަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް 5،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނީ ނޮވެމްބަރު 3، 1988 ގައި މާލެ އަށް ދިވެހިންގެ ބަޔަކާއި ބޭރުގެ ބަޔަކު ގުޅިގެން އަރައި ދިން ނުރައްކާތެރި އުދުވާނީ ހަމަލާގައި ޝަހީދުވި ހުސައިން އާދަމްގެ ހަނދާނީ ބިނާ ބަހައްޓާނީ ކުޅުދުއްފުށީގެ އާންމު ސަރަހައްދެއްގަ އެވެ. އަދި އެ ބިނާ ހަދާފައި ހުންނަން ވާނީ ބާޒާރުން ފަސޭހައިން ލިބޭ އަދި ދިގު މުއްދަތަކަށް ދެމި ހުންނާނެ ފަދަ އެއްޗެހިން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެ ބިނާ އަކީ ހުސައިން އާދަމްގެ މަތިވެރި ޖިހާދު ރަމްޒުކޮށްދޭ ފަދަ ބިނާއަކަށްވާން ޖެހޭނެ ކަމަށާއި އެ ފަރުމާ ހުންނަން ވާނީ ބަލާލަން ރީތި އަދި އިސްލާމް ދީނަށާއި އާންމު މިންގަނޑުތަކަށް ފެތޭ ގޮތަކަށް ކަމަށް ބުންޏެވެ.

މާލޭގައި ހުންނަ ފުލުހުންގެ މައި މަރުކަޒަކީ ވެސް ހުސައިން އާދަމަށް ނިސްބަތްކޮށްފައިވާ އެތަނެކެވެ. އެތަނުގެ ނަމަކީ ޝަހީދު ހުސައިން އާދަމް ބިލްޑިން އެވެ.