Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ވަރަށް ގޯސް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައި ބާރުވެ ކަނޑުތައް ވެސް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެގޮތުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމާ ގުޅިގެން މުޅި ރާއްޖެ އަށް މެޓް އޮފީހުން ވަނީ މިރޭ 12 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.