Last Updated: April 25, 10:27
Thursday, April 25, 2024
ދުނިޔެ

"ޓުރުތު ސޯޝަލް" ޕްލޭ ސްޓޯރަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ލޯންޗްކުރެއްވި އަމިއްލަ ސޯޝަލް އެޕް "ސޯޝަލް ޓުރުތު" މިހާރު ގޫގުލް ޕްލޭ ސްޓޯރުން ވެސް ޑައުންލޯޑްކުރެވޭ ގޮތަށް ހަދައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ ޓްވިޓާއާ ދާދި އެއްކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ އެޕް، ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭ ގޮތަށް ހެދީ އޭގެ އުސޫލުތަކާ އެއްގޮތަށް އެޕްގެ ކަންކަން ރޭވިފައި ހުރުމުން ކަމަށެވެ. ޓުވިޓާއެކޭ އެއްގޮތަށް ޓްރަމްޕްގެ އެޕްގައި ވެސް ލައިކް، ރިޓުވީޓް އަދި ރިޕްލައި އޮޕްޝަންތައް ހުރެ އެވެ.

"ޓުރުތު ސޯޝަލް" އެޕަލް ސްޓޯރަށް ދޫކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މި އެޕް ޕްރޮމޯޓްކުރަނީ ހިޔާލު ފާޅުކުރުމަށް ހުޅުވާލެވިފައިވާ ވަރަށް ފަސޭހަ އަދި މުޅިން ހިލޭ ބޭނުން ކުރެވޭ އެޕެއްގެ ގޮތުގަ އެވެ.

ޓްރަމްޕް އަމިއްލަ ސޯޝަލް އެޕެއް އުފައްދަވަން ނިންމެވީ ވެރިކަމުގެ ދެވަނަ ދައުރަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައުގަތުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ގައި ސަޕޯޓަރުންތަކަކަށް ހިތްވަރު ދެއްވައި އެމެރިކާގެ ގާނޫނު ހަދާ އިމާރާތް، ކެޕިޓަލް އަށް އަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހިންގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ ހަމަނުޖެހުންތައް ހިނގަމުން ދިޔަ އިރު ޓްރަމްޕް ގެންދެވީ މައިގަނޑު ހުރިހާ ސޯޝަލް ޕްލެޓްފޯމެއްގައިގެން އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ސައްހަ ނޫން ވާހަކަތައް ފަތުރުއްވައި، ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވަމުންނެވެ. އެކަމާ ގުޅިގެން އޭނާ ޓްވިޓާ، ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބުން ވެސް ބޭކުރި އެވެ.

މިކަމާ ގުޅިގެން ފަހުން ޓްރަމްޕް ބައެއް ކުންފުނިތައް ގޮވައިގެން ކޯޓަށް ވެސް ވަޑައިގެންނެވި އެެވެ.

"ޓުރުތު ސޯޝަލް" އަކީ އެކަމަށް ހާއްސަކޮށްގެން އުފެއްދި ޓްރަމްޕްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) ގެ ދަށުން ހިންގާ އެއްޗެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުންފުނި ޑިޖިޓަލް ވޯލްޑް އެކިއުޒިޝަންގެ ދަށުން ހިއްސާގެ ބާޒާރުހައި ވެސް ލިސްޓް ކުރައްވާނެ އެވެ.