Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ އާ ޕެކޭޖް ނޮވެމްބަރު 3 ގައި

އިޝްތިހާރުތަކާ އެކު ނެޓްފްލިކްސް އިން އާ ޕެކޭޖެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނިން ބުނީ "ބޭސިކް ވިތު އެޑްސް" ގެ ނަމުގައި ތައާރަފުކުރާ ޕެކޭޖް އަންނަ މަހުގެ 3 ގައި ބައެއް ގައުމުތަކަށް ދޫކޮށްލާނެ ކަމަށެވެ. މަހު ފީއަކަށް 6.99 ޑޮލަރު ކަނޑައަޅާފައިވާ މި ޕެކޭޖް އެންމެ ފުރަތަމަ ތައާރަފުކުރަން ހަމަޖެހިފައިވާ ގައުމުތަކަކީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ބްރެޒިލް، ފްރާންސް، އިޓަލީ، ޖަރުމަން، ޖަޕާން، ކޮރެއާ، މެކްސިކޯ، ސްޕެއިން އަދި އިނގިރޭސިވިލާތެވެ.

ނެޓްފްލިކްސް ބުނީ އަންނަ މަހުގެ 3 ގައި "ބޭސިކް ވިތު އެޑްސް" ގެ ނަމުގައި އާ ޕެކޭޖެއް ތައާރަފުކުރި ނަމަވެސް މިހާރުގެ އެއްވެސް ޕެކޭޖަކަށް އަދި މެމްބަރުންނަށް އެކަމުން ވަކި އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެ ޕެކޭޖަކީ މިހާރުގެ ޕެކޭޖްތައް ކަމަށްވާ އެޑް ފްރީ ބޭސިކާއި ސްޓޭންޑާޑް އާއި އަދި ޕްރީމިއަމް ޕެކޭޖްތަކާ ގުޅުވައިގެން ތައާރަފުކުރާ ޕެކޭޖެއް ކަމަށް ވެސް ބުންޏެވެ.

ނެޓްފްލިކްސް ބުނީ އިޝްތިހާރުތަކާ އެކީ ތައާރަފުކުރާ ޕެކޭޖްގައި ބަލަން ބޭނުންވާ ކޮންޓެންޓެއް ބެލުމުގެ ކުރިން 10-15 ސިކުންތަށް އިޝްތިހާރުތަކަށް މަޑުކޮށްލަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްގެ ރަސްކަން ނެޓްފްލިކްސް އިން ދަމަހައްޓަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއްވި ނަމަވެސް، އެ ބޭނުންކުރާ މީހުންގެ އަދަދަށް މި އަހަރު ވަރަށް ބޮޑު ވެއްޓުމެއް އައިސްފައިވެ އެވެ. އެހެންވެ މިކަން ފޫބައްދަން ނެޓްފްލިކްސް އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން އިޝްތިހާރު ހިމެނޭ އާ ޕެކޭޖެއް ދޫކޮށްލަން ތައްޔާރުވި އިރު، އިޝްތިހާރާ ނުލައި ކޮންޓެންޓްތައް ބަލާލެވޭ ޕެކޭޖެއް ވެސް ތައާރަފުކުރަން ނިންމައިފަ އެވެ. އެކަމަކު އެއީ އަންނަ އަހަރުގެ ތެރޭގަ އެވެ.