Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

އައްޑޫގެ 7 ދިމާއަކަށް ސޯލާ ޕީވީ ނިޒާމު

އައްޑޫގެ 7 ސަރަހައްދެއްގައި ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ބޭއްވީ އައްޑޫ ސިޓީ ކައުންސިލާއި ވޯލްޑް ބޭންކް ސޭފް ގާޑް ކޮމިޓީއާ އެކީގައި ކައުންސިލް އިދާރާގައި މިއަދެވެ.

އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ހިންގަން ނިންމާފައިވާ "އެރައިޒް" އާއި "އެސްޕަޔާ" މަޝްރޫއުގެ ތެރެއިން އައްޑޫގެ 7 ސަރަހައްދެއްގައި ސޯލާ ޕީވީގެ ނިޒާމު ޤާއިމުކުރުމާއި ފްލޯޓިން ސޯލާ ނިޒާމު އަދި ބެޓަރީ އެނަރޖީ ސްޓޯރޭޖް ނިޒާމު ގާއިމު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރަން ހަމަޖެހިފައިވާ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދަން ނިންމާފައިވާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި މެގަ ފަސްޓް ޕަވަ އިންޑަސްޓްރީޒް އެސްޑީއެން ބަރުހާދު އަދި ޕަވަ ޗައިނާ ހުއަޑޮންގް އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާގައި ސޮއިކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ފެނަކައާ އެކީ ވެސް ސޮއިކޮށްފައިވެ އެވެ. އެގޮތުން ސޯލާ ޕީވީ ނިޒާމުގެ ތެރެއިން އައްޑޫގައި 3 މެގަވޯޓް، ފުވައްމުލަކުގައި 2 މެގަވޯޓު، . ގދ. ތިނަދޫގައި 2 މެގަވޯޓު ހދ. ކުޅުދުއްފުށީގައި 1.5 މެގަވޯޓު، ބ. އޭދަފުށީގއި 1.5 މެގަވޯޓު އަދި ޅ. ހިންނަވަރުގައި 1 މެގަވޯޓުގެ ކަރަންޓް އުފައްދަން ހަމަޖެހިފައިވެ އެވެ.

"އެސްޕަޔާ" މަޝްރޫއުގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "އެރައިޒް" މަޝްރޫ އިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރާނެ އެވެ. އެއީ ގއ. ވިލިނގިއްޔާއި ށ. ފުނަދު އާއި ޅ. ނައިފަރުގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްތަކުގަ އެވެ.