Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މީދޫ ދަނޑުވެރި ސަރަހައްދަށް އަނބުގަސްތަކެއް

އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރާ ސަރަހައްދުގައި އަލަށް ހެދި މަގުގައި އަނބުގަސްތަކެއް އިންދައިފި އެވެ.

މިކަން ކޮށްފައި ވަނީ އިއްޔެ ފާހަގަކުރި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެންނެވެ. މީދޫގެ ދަނޑުވެރި ސަރަހައްދުގައި އަނބުގަސްތަކެއް އިންދީ މަގުގެ މެދަށްވާ ގޮތަށެވެ. އެހެންވެ އެ ގަސްތައް ހެދޮބޮޑުވުމުން އެ ސަރަހައްދު ފެންނާނީ ވެސް ވަރަށް ފެހިކޮށެވެ.

އަނބުގަސްތައް އިންދާފައި ވަނީ މީދޫ އަވަށު އޮފީހާއި ފްރެޝް ޔީލްޑް ކުންފުންޏާއި ނަލަފެހި ޖަމްއިއްޔާ ގުޅިގެންނެވެ. އެގޮތުން އަނބުގަސްތައް އިންދަން ބޭއްވި އިވެންޓްގައި އެކި އޮފީސްތަކުގެ މުވައްޒަފުންނާއި މީދޫގެ ދަނޑުވެރިން ވެސް ބައިވެރިވި އެވެ. މުޅި ރާއްޖެ އަށް ވެސް މިހާރު މަޝްހޫރު މީދު އަށް ނިސްބަތްވާ "ޒުވާން ދަނޑުވެރިޔާ" ހުސައިން ރަމްޒީ ވެސް އަނބުގަހެއް އިންދި އެވެ.

އޭނަ އަކީ މިހާރު މީދޫގައި ވަރަށް ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ އަދި އާންމުކޮށް ރާއްޖޭގައި ނަހައްދާ ބާވަތްތައް ހައްދަން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ދަނޑުވެރިއެކެވެ.

މީދު އަކީ އައްޑޫގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އަވަށެވެ.