Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

ޕްލޭނިން މިނިސްޓްރީ 120،000ރ. އިން ޖޫރިމަނާކޮށްފި

މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫސިޓީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން، ޕްލޭނިން މިނިސްޓްރީ 120،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް 10 ސެޕްޓެމްބަރ 2019 ގައި ދޫކޮށްފައިވާ 'ތިމާވެށީގެ ގޮތުން ނިންމި ލިޔުމާއި" ޚިލާފަށް އެ އޭޖެންސީގެ ހުއްދަ ނެތި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން ކުށް ތަކުރާރުކުރި ތިންވަނަ ފަހަރަށް ކަނޑައެޅިފައިވާ 120،000ރ. އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އެ ފައިސާ މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ މިނިސްޓްރީ އަށް އަންގާފަ އެވެ.

މަރަދޫފޭދޫ ބަނދަރު

މީގެއިތުރުން އެ އެޖެންސީގެ ހުއްދައަކާ ނުލައި ކުރެވިފައިވާ މަސައްކަތްތަކާއި، މިހާރު ރަށުގެ ތިމާވެށީގެ ޙާލަތު، އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 60 ދުވަހުގެ ތެރޭގައި އެންވަޔަރަމަންޓަލް އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

އީޕީއޭ އިން ވަނީ މިހާރު ކުރެވިފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނިޓަރިން ޕްލޭންގައި ހިމަނާ، އަދި އެ މޮނިޓަރިން ޕްލޭން އިސްލާޙްކޮށް، އައު މޮނިޓަރިންގ ޕްލޭންއެއް ހުށަހަޅާނެ ކަމުގެ ލިޔުމެއް މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ޕްލޭނިން މިނިސްޓްރީ އަށް އަންގާފަ އެވެ.