Last Updated: April 24, 23:11
Thursday, April 25, 2024
ވިޔަފާރި

ނެޓްފްލިކްސްގެ "ބާގަނޑު" ބެދެނީ

އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި ނެޓްފްލިކްސް އަށް ގިނަ އަދަދެއްގެ ސަބްސްކްރައިބަރުން ގެއްލުނު ނަމަވެސް އެތަން މިހާރު ފޫބެއްދެން ފަށާފައިވާ ކަމަށް ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން އާންމުކުރި ތިން ވަނަ ކުއާޓަރުގެ ރިޕޯޓަށް ބަލާ އިރު އެ ކުއާޓަރުގެ ތެރޭގައި މުޅިން އަލަށް 2.41 މިލިއަން ޕެއިޑް ސަބްސްކްރައިބަރުން ލިބިފައިވެ އެވެ. އެހެންވެ މިހާރު ލަފާކޮށްފައި އޮތީ އަހަރުގެ ބާކީ އޮތް ދެ މަހާ އެކީ ހަތަރު ވަނަ ކުއާޓަރުގައި އިތުރު 4.5 މިލިއަން ސަބްސްކްރައިބަރުން ލިބޭނެ ކަމަށެވެ.

އަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ބަލާ އިރު ފުރަތަމަ ކުއާޓަރުގައި 200،000 އަދި ދެވަނަ ކުއާޓަރުގައި 970،000 ސަބްސްކްރައިބަރުން ގެއްލުނެވެ.

އެކަމާ ގުޅިގެން ނެޓްފްލިކްސް ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓި، ސރުން އިތުރުކުރަން ތަފާތު އެކި ކަހަލަ ފިޔަވަޅުތައް އަޅައި، ކުންފުނީގެ ހަރަދުތައް ކުޑަކުރަން މުވައްޒަފުންތަކެއް ވެސް މަދުކުރި އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުން ގެނެސްދިން ހިނިތުވުމަށް ބަލާ އިރު، ސަބްސްރައިބަރުންގެ އަދަދު އެމެރިކާ އާއި ކެނެޑާ އިން ވެސް އިތުރުވި އެވެ. އެގޮތުން އެ ގައުމުތަކުން އަލަށް ލިބުނު 100،000 ސަބްސްކްރައިބަރުންނާ އެކީ ހުރިހާ ހިސާބަކުން ލިބުނު ސަބްސްކްރައިބަރުންގެ އަދަދު 2.41 މިލިއަނަށް އަރަ އެވެ.

އަހަރުގެ ފަހު ކުއާޓަރަށް މިހާރު ބޮޑެތި އުންމީދުތަކެއް ކުރެވޭ އަންނަ މަހުގެ 3 ގައި "ބޭސިކް ވިތު އެޑްސް" ގެ ނަމުގައި އާ ޕެކޭޖެއް ތައާރަކުރަން ވެސް ނެޓްފްލިކްސް އޮތީ ނިންމައިފަ އެވެ. އެއީ މަހަކު 6.99 ޑޮލަރު ދައްކަން ޖެހޭ ޕެކޭޖެކެވެ. އެހެންވެ މި ޕެކޭޖްގެ ސަބަބުން ސަބްސްބްކްރައިބަރުން ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

"ބޭސިކް ވިތު އެޑްސް" ޕެކޭޖް އެންމެ ފުރަތަމަ ތައާރަފުކުރަން ހަމަޖެހިފައި ވަނީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ބްރެޒިލް، ފްރާންސް، އިޓަލީ، ޖަރުމަން، ޖަޕާން، ކޮރެއާ، މެކްސިކޯ، ސްޕެއިން އަދި އިނގިރޭސިވިލާތުގަ އެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި ތިން ވަނަ ކުއާޓަރުން އުންމީދުތަކެއް އާކޮށްދީ ހާސްކަން ކަނޑުވައިލަދިން އިރު، ނެޓްފްލިކްސްގެ ހިއްސާގެ އަގަށް ވެސް 14 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ.

އެ ކުންފުނިން ވަނީ އަންނަ އަހަރުގެ ކުރީކޮޅު އިޝްތިހާރާ ނުލައި ކޮންޓެންޓްތައް ބަލާލެވޭ ޕެކޭޖެއް ވެސް ތައާރަފުކުރަން ނިންމައިފަ އެވެ.