Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އާސަންދައިގެ ނަމުގައި ފޭކް ލިންކުތަކެއް، ސަމާލުވޭ!

އާސަންދަ ނަމުގައި އޮޅުވާލައިގެން މީހުންގެ ސޯޝަލް މިޑިއާ އެކައުންޓުތަކާއި ޑޭޓާ ފޭރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

އާސަންދައިން މިރޭ އާއްމު ކުރި ބަޔާނެއްގައި ބުނީ އެކުންފުނީގެ ނަމުގައި އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަން ާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ ޝައްކުވާފަދަ ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން އެކުންފުނީގެ 24 ގަޑިއިރު ޚިދުމަތްދޭ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.


އާސަންދަ ނަމުގައި ފޭކު ވެބް ޕޭޖް ތަކާއި ލިންކުތައް ފޮނުވައި އެ ލިންކުތަކަށް ވަންނަން މަސައްކަތް ކުރާ މީހުންގެ އީމެއިލް މައުލޫމާތު ތައް އެ ފަރާތްތަކުން ދަނީ ހެކްކުރަމުންނެވެ.

އާސަންދައިން ބުނީ އެކުންފުންޏާއި ގުޅުން ހުރި ލިންކުތައް ނިމޭނީ Aasandha.mv އަށް ކަމަށެވެ. އެހެންވެ ސްކޭމަރުންގެ މަޅިތަކަށް ސަމާލުވުމަށް އެކުންފުނިން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި މީހުންގެ އީމެއިލް ހެކް ކުރުމާއި ތަފާތު ޕްރޮމޯޝަންގެ ނަމުގައި މީސް މީހުންގެ އަތުން ފައިސާ ފޭރުން މިހާރު ވަނީ އިންތިހާއަށް މަތިވެފައެވެ. ކުންފުނިތަކުން މިކަމަށް އާއްމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރި ނަމަވެސް ސްކޭމަރުންގެ މަޅިތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޖެހެމުންނެވެ.