Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ޑިމެންޝިއާއާ ގުޅޭ ސެޝަނެއް މާދަމާ އައްޑޫގައި

ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝިއާއާ ބެހޭ ގޮތުން އައްޑޫގައި މާދަމާ ސެޝަނެއް ބާއްވަން ހަމަޖައްސައިފި އެވެ.

އަލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ހޭލުންތެރިކުރުވުމުގެ ސެޝަން އޮންނާނީ މާދަމާ ހަވީރު 3:45 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ. އެހެންވެ އެސްޓީއޯ އިން ސްޕޮންސަކޮށްގެން ބާއްވާ މި ސެޝަންގައި ވީހާ ވެސް ގިނަ ބަޔަކު އޭގައި ބައިވެރިވާން އަލްޒެއިމާސް އެސޯސިއޭޝަނުން އެދެ އެވެ.

"ޑިޕްރެޝަނަކީ ކޮބާ؟ އަލްޒެއިމާސް އަކީ ކޮބާ؟ ކުރިއާލައި ދެނެގަތުމުގެ މުހިއްމުކަން" މި މައުޟޫގެ ދަށުން ބާއްވާ ސެޝަންގައި ކަމުގެ ތަޖުރިބާކާރު ޕެނަލަކުން މައުލޫމާތު ހިއްސާކުރާނެ އެވެ. އެ ޕެނެލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޑރ. އިހުދުﷲ ސައީދު، ޑރ. ކަޝިންކުންޓި، މުހައްމަދު މުސްތޮފާ ފާރޫގު، ޑރ. ބިކޭކް ސުބޭދީގެ އިތުރުން އޭއީއެޗްގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ޖާދުﷲ ސައީދެވެ.

އަލްޒއިމާސް އެސޯސިއޭޝަނުން ހޭލުންތެރިކުރުވުމުގެ ސެޝަނެއް މާދަމާ ބާއްވަން ނިންމީ މިކަމާ ބެހޭ ގޮތުން މި ހަފުތާގައި ކައުންސިލާއި އޭއީއެޗާ ވެސް މަޝްވަރާތެއްކުރުމަށް ފަހު އެވެ.

ޑިމެންޝިއާގެ އެންމެ އާންމު ވައްތަރަކީ އަލްޒެއިމާ އެވެެ. އަދި މި ބަލި އާންމުކޮށް ކުރިމަތިވަނީ އުމުރުން 65 އަހަރުން މައްޗަށް ދާ ފަހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ ކޮންމެ 14 މީހަކުން އެކަކީ އަލްޒެއިމާގެ ޝިކާރައެކެވެ. އަދި 80 އަހަރުން މަތީގެ ކޮންމެ ހަ މީހަކުން އެކަކީ އެ ބަލި ތަހައްމަލުކުރާ މީހެކެވެ.

ދިވެހިންގެ ތެރޭގައި ވެސް ޑިމެންޝިއާ މިހާރު ވަރަށް ބޮޑަށް އޮތް ކަމަށް އަލްޒެއިމާސް ސޮސައިޓީން ބުނެ އެވެ.