Last Updated: May 24, 06:11
Saturday, May 24, 2025
މުނިފޫހިފިލުވުން

"ޖަމާއީ ރާޖާ" އަލުން ހަދަނީ

ބޮލީވުޑްގެ ކާމިޔާބު ސްކްރީން ޖޯޑުތަކުގެ ތެރޭގައި ހިމެނޭ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ "ޖަމާއީ ރާޖާ" އަލުން ހަދަން ނިންމައިފި އެވެ.

އެ ފިލްމު ރިލީޒްކުރިތާ އިއްޔެ އަށް 32 އަހަރުވުމާ ގުޅިގެން އޭގެ ރީބޫޓް ވާޝަނެއް ހަދަން ނިންމިކަން އިއުލާންކުރީ ޝެމަރޫ އެންޓަޓައިންމަންޓާއި އިންޑިއަން މީޑިއާ އެންޓަޓައިންމަންޓް ނެޓްވޯކް (އައިއެމްއީއެމް) ގުޅިގެންނެވެ. ދެ ސްޓޫޑިއޯ ގުޅިގެން މި ޒަމާނަށް ފެތޭ ގޮތަށް "ޖަމާއީ ރާޖާ" ހަދަނީ ގްލޯބަލް އޯޑިއަންސަށް ވެސް އަމާޒުކޮށްގެންނެވެ.

އެގޮތުން މި ފިލްމަކީ އާއިލާ ގުޅުމަކަށް ބިނާކޮށް ހަދާފައިވާ ފިލްމަކަށްވާތީ ބޭރުގެ އޯޑިއަންސަކަށް އިންޑިއާގެ އެފަދަ ވާހަކައެއް މި ޒަމާނުގެ ފާޑުވެރިކަމާ އެކީ ގެނެސްދޭން ބޭނުންވާ ކަމަށް ބުންޏެވެ. އޮކްޓޯބަރު 19، 1990 ގައި ސިނަމާތަކަށް ގެނައި "ޖަމާއީ ރާޖާ" އަކީ މައިދައިތައަކާއި ދަނބިދަރިއެއްގެ ކޯޅުންގަނޑެއް ދައްކުވައިދިން އެއްޗެކެވެ.

ކޮދަމްދަރާމީ ރެޑީ ޑައިރެކްޓްކުރި ފިލްމުގައި މަދޫރީ ކުޅުނީ ވަރަށް ގޮތުގައި ހުންނަ މުއްސަނދި މައެއް ކަމަށްވާ ހެމާ މާލިނީގެ ދަރިއެއްގެ ރޯލެވެ. އޭނަގެ ފިރިމީހާ އަކީ އަނިލް އެވެ. "ޖަމާއީ ރާޖާ" އަކީ 1989 ގެ ތެލެގޫ ފިލްމު "އައްޓަކޫ ޔަމޫޑޫ އައްމަޔިކީ މޮގުޑޫ" އަސްލަކަށް ބަލައިގެން ހެދި ވަރަށް ކާމިޔާބު ފިލްމެކެވެ.

މީގެ ރީބޫޓް ވާޝަނެއް ހަދަން ނިންމި ނަމަވެސް ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ފިލްމު ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ.

އަނިލް އާއި މަދޫރީގެ "ޖަމާއީ ރާޖާ" އަލުން ހަދަން ނިންމި އިރު، މި ދެ ތަރިންގެ ވަރަށް ކާމިޔާބު އެހެން ފިލްމެއް ކަމަށްވާ 1988 ގެ "ތޭޒާބު" ގެ ރިމޭކެއް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.