Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

އިންޑޮނީޝިއާގައި ދިޔާ ބޭސް މަނާކޮށްފި

ދިޔާ ބޭސްތަކެއް ދިން 100 އެއްހާ ކުދިން މަރުވުމާ ގުޅިގެން އިންޑޮނިޝިއާގައި ދިޔާ ބާވަތުގެ ހުރިހާ ބޭހެއް ވިއްކުމާއި ޕްރެސްކްރައިބްކުރުން މަނާކޮށްފި އެވެ.

އެ ގައުމުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އިންޑޮނީޝިއާގައި ވިއްކާ ބައެއް ދިޔާ ބޭހުގައި ހުންނަން ނުޖެހޭ މާއްދާތަކެއް ހުރެގެން އެފަދަ ބޭސްތަކެއް ދިން 100 އެއްހާ ކުދިން މަރުވެފައިވާ ކަމަށެވެ. އަދި އެފަދަ ބޭސްތަކުން އެކިއުޓް ކިޑްނީ އިންޖަރީސް (އޭކޭއައި) އަށް މަގުފަހިވާ ޒާތުގެ މާއްދާތަކެއް ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.

މިކަމާ ގުޅިގެން ހުރިހާ ބާވަތެއްގެ ދިޔާ ބޭހެއް ވިއްކުމާއި ޑޮކްޓަރުން އެފަދަ ބޭސްތައް ލިޔެދިނުން މަނާކުރި ނަމަވެސް މައްސަލަތައް ފާހަގަކުރެވުނު ބޭސްތަކަކީ އެތެރެކޮށްގެން ވިއްކަމުން އައި ބޭހެއްތޯ ނުވަތަ ސީދާ އިންޑޮނީޝިއާގައި އުފައްދާ ބޭހެއްތޯ ހާމައެއްނުކުރެ އެވެ. އަދި މައްސަލަތައް ފާހަގަކުރެވުނީ ކޮންކޮން ބޭސްތަކަކުންކަމާއި ކޮން ބްރޭންޑްތަކެއްގެ ބެސްތަކަކުން ކަމަށް ވެސް ހާމައެއްނުކުރެ އެވެ.

އިންޑޮނީޝިއާގެ ސިއްހީ ދާއިރާގެ ރަސްމީ ފަރާތްތަކުން މިއަދު ބުނި ގޮތުގައި އޭކޭއައިއޭގެ 200 ކޭސް ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުދިންނެވެ. އެ ގައުމުގެ ހެލްތު މިނިސްޓަރު ބުދީ ގުނާދީ ސަދިކިން ވިދާޅުވި ގޮތުގައި މައްސަލަ ހުރި ބޭހުގެ ތެރޭގައި އިންޑޮނީޝިއާގައި އުފައްދާ ބޭސްތަކެއް ވެސް ހިމެނޭ ކަމަށެވެ.

ދިޔާ ބޭސްތައް ވިއްކުން އެ ގައުމުގައި މަނާކޮށްފައި މި ވަނީ އިންޑިއާގައި އުފައްދާފައިވާ ކޯފް ސިރަޕްގެ ހަތަރު ބެޗެއްގައި މައްސަލަ ހުރިކަން ފާހަގަކުރެވި އެ ބޭސް އުފައްދާ ކުންފުނީގެ މަސައްކަތް ވެސް ހުއްޓުވާފައި ވަނިކޮށެވެ. އިންޑިއާގެ ކޯފް ސިރަޕް ދިން ގެމްބިއާގެ 70 ކުއްޖަކު މަރުވި މައްސަލަ ވަރަށް ސީރިއަސްކޮށް މިހާރު އަންނަނީ ބަލަމުންނެވެ.