Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޔާމީންގެ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރާނެ

މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

ރަށްރަށަށް ވަޑައިގެން އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޔާމީން ރަށްތަކަށް ދަތުރުފުޅުތަކެއް ކުރައްވަން ފައްޓަވާފައިވާއިރު ދާދިފަހުން ވަނީ ހއ.އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި އަންނަ އަންގާރަ ދުވަހު ނ.އަތޮޅަށް ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އަންނަ މަހުގެ ކުރީކޮޅު އައްޑޫ ސިޓީ އަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން މުހައްމަދު ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކުރީގެ ސަރުކާރުގައި ފޯރުކޮށްދެވިފައި ނުވާ ކަމަށާއި މާލޭއަށް ކޮށްދެއްވާފައި ހުރި ކަންކަން ފެންނަ ބެކްޑްރޮޕްތަކެއްގެ ކުރިފުޅުމަތީގައި ހުރެ ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.

"މާލެއަށް ކޮށްދެއްވި ކަންތައްތަކެއްގެ ފޮޓޯތަކެއްގެ ބެކްޑްރޮޕެއްގެ ކުރިފުޅުމަތީ ހުންނަވައިގެން އެގޮތަށް އެރަށްރަށަށް ވަޑައިގެން އަނެއްކާވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމުން އަޅުގަނޑަކަށް ހިޔެއް ނުވޭ ރައްޔިތުން ގަބޫލުކުރާނެ ހެންނެއް." މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ހުންނާނީ ގާއިމުވެފައި ކަމަށެވެ. އަދި އަސާސީ ހިދުމަތްތަކަށް އިދިކޮޅު ފަރާތްތަކުން ވައުދުވާން ނުޖެހޭނެ ކަމަށާއި މި ސަރުކާރުން މިހާރުވެސް އެކަންކަން ކޮށްދެމުންދާއިރު ރައްޔިތުން އެ ކަންކަން ބަލައިގަންނަ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.