Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ނަމާދަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި

ހިތަދޫ މަސްޖިދު އިބްރާހީމް. ފޮޓޯ/ އަލީ މޫސާ

ނަމާދަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ނަމާދަކީ ދީނުގެ ތަނބު" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނީ މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތުތަކުގައި ފަރުޟު ފަސް ނަމާދު އަދާކުރުމަށް ރައްކާތެރިވާންޖެހޭ ކަމަށާއި ނަމާދަކީ ހުރިހާ ހެޔޮކަމެއްގެ ތަޅުދަނޑި ކަމަށެވެ. އަދި މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމާ ހަމައަށް ދަތުރުކުރެވޭނީ ނަމާދަށް ރައްކާތެރިވެގެން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ނަމަވެސް މިއަދު މިސްކިތްތައް ގިނަވެފައި ނަމާދު ވަގުތުތަކުގައި މިސްކިތްތަކުގެ ތާޅަފިލިތަކާއި، ރޭޑިއޯ އާއި ޓީވީތަކުން ބަންގި ގޮވައި ނަމާދުކުރަން ހަނދާންކޮށްދޭއިރު ވެސް ނަމާދު އަޅާ މީހުން މަދު ނޫން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި މުސްލިމުންގެ ހާލަތަށް ބަލާއިރު ގިނަ ބައެއްގެ ނަމާދުގެ ތިލަފަތް ލުއިވެފައިވާ ކަމަށާއި އެމީހުންގެ ގާތުގައި ނަމާދަށް ވުރެ އިސްކަން ދެވެނީ އެހެނިހެން ކަންކަމަށް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

"ނަމާދު ވަގުތުތަކާ ދިމާކޮށް، އެކި މަސައްކަތްތައް ރާވައި، ހިންގާތަން ފެނޭ. ގަންގި ގޮވުމުން ފިހާރަތަކާއި ސައިހޮޓާތައް ލައްޕަން ގަވާއިދުތައް އަމުރު ކުރާތީ ލެއްޕިއަސް އެ ތަންތަނުގެ ތެރޭގައި ގިނަ ބަޔަކު ނަމާދަށް ނުގޮސް ތިބޭ ތަން ފެނޭ. ހާއްސަކޮށް މިއަދުގެ ޒުވާނުން ދުވަހެއް ދުވަހަކަށް ނަމާދާ ދުރުހެލިވަމުންދާކަން ފާހަގަކުރެވޭތީ ހިތާމަހުރި ކަމެއް." ހުތުބާގައި ވެ އެވެ.

ހުތުބާގައި ވަނީ އިދާރާތަކުން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރުމުގައި ނަމާދު ވަގުތުތަކަށް ފަރުވާތެރިވެ އެ ހަރަކާތްތަކުގެ ބައިވެރިންނަށް ނަމާދު ކުރެވޭނެ ގޮތަށް އިންތިޒާމު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމާދަށް ހޭނުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"އިސްލާމީ ގައުމެއްގައި މުސްލިމް ދަރިންތަކެއް މިސްކިތްތަކުން ބަންގި ގޮވައި، ނަމާދު ކުރެވޭ ވަގުތުގައި، ނަމާދު ނުކޮށް ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައި ގެންގުޅުމަކީ އެކުދިންގެ ތަރުބިއްޔަތަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެއް." ހުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ޖަމާއަތުގައި ނަމާދު އަދާކުރުމަށް ފަރުވާތެރިވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެކަހެރިކޮށް ހުރެ ކުރާ ނަމާދުން ލިބޭ ޘަވާބަށް ވުރެ ޖަމާއަތުގައި ކުރާ ނަމާދުގެ ޘަވާބު ހަތާވީސް ދަރަޖައަށް އިތުރުވެގެންދާނެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.