Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

އިންޑިއާ އިން ގޫގުލް ޖޫރިމަނާކޮށްފި

އެގްރިމަންޓާ ހިލާފަށް ހަމައެކަނި އެންޑްރޮއިޑް ޑިވައިސްތަކަށް މަގުފަހިވާ ގޮތަށް ގޫގުލް އިން އިންޑިއާގައި މަަސައްކަތްކުރާތީ އެ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފިނުތަމުގެ ތެރޭގައި ހިމެނޭ އެމެރިކާ ގޫގުލް، އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަން (ސީސީއައި) އިން އިއްޔެ ޖޫރިމަނާކުރީ 13 ބިލިއަން ރުޕީސް (161 މިލިއަން ޑޮލަރު) އިންނެވެ. މިކަމާ ބެހޭ ގޮތުން ސީސީއައި އިން ބުނީ ގޫގުލް މަސައްކަތްކޮށްފައި ވަނީ އެ މީހުންނަށް ބުރަވާ ގޮތަށް އެކަނި ކަމަށާއި މީގެ ސަބަބުން މާކެޓްގެ ވާދަވެރި ކަމަށް ވެސް ބުރޫއަރާފައިވާ ކަމަށެވެ.

ސީސީއައި އިން ފާހަގަކުރި ގޮތުގައި ގޫގުލް އިން އެ މީހުންގެ އޯއެސް، އެންޑްރޮއިޑްގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އައިސްފައިވާ ކަމަށާއި މީގެ ސަބަބުން އެ ކުންފުނިން ނަމަހަ އެތައް މަންފާތަކެއް ލިބިގަންނަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ޑޭޓާތަކަށް އެކްސެސްވުމާއި އިޝްތިހާރުކުރުން ފަދަ އެތައް ކަމަކަށް ނުހައްގުން ގޫގުލް ފުރުސަތުތައް ފަހިކޮށްފައިވާ ކަމަށް ސީސީއައި އިން ބުންޏެވެ.

ދާދި ފަހުން ހަމަ މި ބާވަތުގެ މައްސަލަތަކެއްގައި އީޔޫން ގޫގުލް 5 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ.

އިންޑިއާ އިން ކުރި ޖޫރިމަނާއާ ބެހޭ ގޮތުން ގޫގުލް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.