Last Updated: April 23, 14:49
Tuesday, April 23, 2024
ދުނިޔެ

އެޕަލްގެ ޑިޒައިން ހެޑް ވަކިވަނީ

މީގެ ތިން އަހަރު ކުރިން އެޕަލްގެ ޑިޒައިން ހެޑްގެ މަގާމާ ހަވާލުވެވަޑައިގެންވެނި އިވަންސް ހޭންކީ އެ ކުންފުނި ދޫކޮށްލައްވަން ނިންމަވައިފި އެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޭންކީ ވަނީ އެކަން މިހާރު އެޕަލްގެ އިސް މެނޭޖްމަންޓާއި މުވައްޒަފުންނަށް ވެސް އަންގަވައިފަ އެވެ. އެގޮތުން އަދި ހަ މަސް ފަހުން އޭނާ ޑިޒައިން ހެޑްގެ މަގާމުން ރަސްމީކޮށް އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. ހޭންކީ މަގާމުން ވަކިވެވަޑައިގަންނަވާ އިރު، އައިފޯން 12 ސީރިޒް އާއި އައިފޯން 14 ސީރީޒްގެ އިތުރުން އެމް 1 މެކްބުކް މޮޑެލްތައް ނެރެފައި ވަނީ ހޭންކީގެ މޭސްތިރިކަމުގެ ދަށުންނެވެ.

އޭނަ އެޕަލްގެ ޑިޒައިން ހެޑްގެ މަގާމަށް ވަޑައިގެންނެވީ ކުރިން އެ ކުންފުނީގެ އެ މަގާމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި ޖޮނީ އައިވް 2019 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުންފުނި ދޫކޮށްލެއްވުމާ ގުޅިގެންނެވެ. ޖޮނީ އެޕަލް ދޫކޮށްލައްވަން ނިންމެވިކަން އިއުލާންކުރެއްވީ އެ އަހަރުގެ މެދުތެރޭގަ އެވެ.

ހޭންކީ އެޕަލް ދޫކޮށްލައްވަން ނިންމެވުމާ ބެހޭ ގޮތުން އެ ކުންފުނިން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އަދި އެޕަލް ދޫކޮށްލައްވަން ހޭންކީ ނިންމެވި ސީދާ ސަބަބެއް ވެސް އޭނާ ހާމައެއްނުކުރައްވަ އެވެ.