Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: އިބްރާބެގެ ފިސާރި ހަނދާންތަކެއް!

ސ. ފޭދޫ ސެލްވިއާގޭ އިބްރާހިމްދީދީ (ޗާޗާ އިބުރާ) ލަފާކުރެވޭ ގޮތުގައި 1970 ވަނަ އަހަރު ގަމުގެ އިނގިރޭކސީންގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭތާ ދޮޅުއަހަރެއްހާ ދުވަސް ފަހުން ޓްރާންސިޓް ހޮޓަލުގެ ވަޒީފާ ހަމަޖެހިގެން ދިއުން އެއީ ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ރާއްޖެ އަށް މަޝްހޫރު ފޭދޫ ޑީއެންސީ ފުޓްބޯޅަ ޓީމުގެ ފަޚުރުވެރި ކުޅުންތެރިއެއްގެ ގޮތުގައި މާލެ ގޮސް ރަނަ އަޕްކަން ހޯދި ހަނދާން އާކޮށްލަމުން ބުނީ މިހާރު ސީދާ ތާރީޚުތައް އެހާ ހަނދާނެއް ނެތް ކަމަށާއި އެކަމަކު 1970 ގެ ކުރީކޮޅު ކަމަށެވެ. ދެ އަހަރެއްހާ ދުވަހު ޑީއެންސީގެ ފުލް ޓީމަށް ކުޅުމުގެ ފުރުޞަތު ލިބުނުކަމާއި ކުރިޔަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގެ މުހިއްމު ދައުރެއް އަދާކުރެވުނު ކަމަށް ބުންޏެވެ.

ފައިނަލްގައި ބަލިވީދޯއޭ އަހާލީމާ ބުނީ އާނއެކޭ، އޭރުގައި މާލެ ޓީމުތައް ފުޓްބޯޅަ ކުޅޭކަން ނޭނގޭ ކަމަށެވެ. އަދި އެއީ އެހެން ގޮތަކަށް ކުޅެ އެއްވެސް އިންސާފެއް ނޯންނަ ވާހަކަ އާއި އެއީ ދެން އެ ޒަމާނުގައި ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއްގެ ގޮތުގައި ސިފަވެގެން ދިޔައެވެ. އެ ޒަމާނުގައި އެޑިޑާސް ކަހަލަ ބްރޭންޑެޑް ބޫޓާއި ސޯޓާއި އިސްޓާކީނު ފަދަ ކުޅިވަރުކުޅޭ ސާމާނު ފައިސާ ދީގެން މަތިންދާބޯޓް ކްރޫންނާއި ޕައިލެޓުން ލައްވައި 5-4 ދުވަސްތެރޭ ލިބޭ ކަމަށާއި އޭރު އެއީ ރާއްޖޭގައި މާލޭ ޓީމްތައް ވެސް ނުދެކޭ ކޮލިޓީ ސާމާނުކަމަށް ކިޔައި ދިނެވެ.

ޑީއެންސީ އަށް ކުޅުނު ދުވަސްވަރު އިބްރާބެ (މެދުގައި) .

ޓީމާ އެކީ ފަސްޓްއެއިޑް ސާމާނާއި ކާއެއްޗިއްސާއި، ދަޅާއި މެޓަޔާއި އަދި ޗުއިންގަމް އެއީ އޭރު ރާއްޖޭގަ އެއްވެސް ބަޔަކު އެހާ ތިޔާގިކޮށް ދެކިއުޅޭ ސާމާނު ނޫންކަމަށް ހިނިތުންވުމާ އެކީ ބުނެލި އެވެ.

މަސައްކަތުގެ ވާހަ އަޔަށް އެނބުރިލަމުން ބުނީ ޓްރާންސިޓް ހޮޓަލުގައި ވެރިޔަކަށް ހުންނަނީ އޮފިސަރެއް ކަމަށާއި ރޫމްބޯއިއެއްގެ ވަޒީފާއިން ދުވަސްކޮޅެއްތެރޭ ފްރަންޓް އޮފީހަށް ބަދަލުކޮށް ޝިފްޓް ޑިއުޓީ މަސައްކަތް ކުރަން ފެށުނެވެ. ޓްރާންސިޓް ހޮޓަލަކީ އޭރުގެ ބްލޫ ލެގޫން ހޮޓަލެވެ. އެތަނަށް ގިނައިން މީހުން އަންނާނީ ރޭގަނޑުކަމާއި މީހުން ވަރަށް ގިނައިން އެއްފަހަރާ އައިސްގެން އުޅޭ އިރު ވަރަށް ބުރަކޮށް އެކަމަކު އެހާ ކުރާހިތްވާ ގޮތަށް ވެރިމީހާ މަސައްކަތް ރާވާފައި އޮންނަ ކަމަށް އިބްރާ ބުންޏެވެ. ޚާއްޞަކޮށް ރޯދަމަހު ތަރާވީހަށް ދާންވެސް އޮފިސަރުގެ ބައިސްކަލް ދީފައި އަވަހަށް ގޮއްސަ އަންނާށޭ ބުނުމާއެކީ އެހާމެ ހިތްހެޔޮކަމާއެކީ މަސައްކަތުގެ އަގުވަޒަންކުރާކަމުގެ ހިތްހަމަޖެހުން ލިބެ އެވެ. އަދި ކެއުންބުއިން ވެސް ވަރަށް ޒަމާނީ ފެންވަރުގައި ލިބެ އެވެ.

ކޮންމެ ދުވަހެއްގެ މަގޭ ލަންޗަކީ ލެމަނޭޑް ފުޅިއަކާއި މާސް ޗޮކްލެޓެއް ކަމަށް އިބްރާ ބުންޏެވެ. އެއީ އަދި މިހާރު މި ހުންނަ ސައިޒަށްވުރެ ބޮޑު ޗޮކްލެޓެވެ.

ބްލޫ ލެގޫން ހޮޓަލުގެ ކިޗަން އަކީ އިންފްލައިޓް ކިޗަންކަމުން އެތަން ވަރަށް ފެންވަރު ރަނގަޅުކަމާއި އަދި ޔޫރަޕް ސޭބާއި އޮރެންޖާއި ވައްތަރު ވައްތަރު އަގުބޮޑު ފްރުޓް ކާން ލިބޭ ކަމަށް އިބްރާގެ ހަނދާންތަކުން އާކޮށްދިނެވެ. އެއީ އޭރަށް ބަނާ ނަމަ ވިސްނާލަން ވެސް އުނދަގޫ ކަމެކެވެ. ހަތްދިހައިގެ ކުރީކޮޅު ރާއްޖޭގައި އެ ފެންވަރުގެ ވަޒީފާގެ ޚިދުމަތާއި ކެއުން ލިބޭ ވާހަކަ އާއި އަދި އައްޑޫއން އޭރު ޕެޕްސީ ކޯލާ އާއި މާރީ ބިސްކޯދާއި ނެސްޕްރޭ އާއި ލެކްޓޯޖެން، ފަދަ މި ސަރަހައްދުން ނުލިބޭ ފަދަ އަގުބޮޑު ފައިދާ ހުރި ސާމާނު ލިބެމުން ދިޔަކަމުގެ އުފާ އަދި ސިއްހީ ޚިދުމަތް ވެސް އެހާ ފުރިހަމަކަމުގައި ވަރަށް ގަޔާވެގެން އިނދެ ކިޔައި ދިނެވެ.

އިނގިރޭސީން ފައިބައިގެން ވެސް އަހަރެއްހާ ދުވަހު ގަމުގައި މަސައްކަތް ކުރުމަށް ފަހު މާލެ ނައްޓާލީ ކަމަށް އިބްރާބެ ބުންޏެވެ. އެއީ ގަމުގައި މަސައްކަތްކުރި ގިނަ މީހުން ގޮތްހުސްވެގެން އަނބިދަރީންނަށް ކާންދެވޭނެ ގޮތަކީ އެއީ ކަމުގައި ދެކިގެން މަޖުބޫރު ކުރުވި އަޅުވެތިކަމެކެވެ.

މަ ވަރަށް ހަނދާން ހުރެ އެވެ. ލަފާކުރެވެނީ އެއީ 70 ގެ ކުރީކޮޅު ކަމަށެވެ. މަ މަޖީދިއްޔާ ގްރޭޑް ދޭއްގައި ކިޔަވަމުން ދިޔަ ދުވަސްވަރު އިބުރާބެގެ ފަރާތުން ރެޑީމޭޑް ހުދު ފަޓްލޫނަކާއި ހުދު ގަމީހެއް ލިބުނެވެ. ކާއި ފަޓްލޫނުގައި އިނީ ޒިޕެއް ލައިފަ އެވެ. ގަބޫލު ކުރެވޭ ގޮތުގައި އޭރު އެ ސައިޒްގެ ރެޑީމޭޑް ފަޓްލޫނު ދެކުނު މީހަކު މަދުވާނެ އެވެ. އެކަން އެނގޭ ސަބަބަކީ، ޒިޕް އަށް ދަމައި ތިރިކޮށް މުޅި ދުވަހު އެކަމަކާވެގެން ވަރަށް ގިނަ ކުދިން އަދި މީހުން ވެސް އެކަމުގައި އުޅުމުން ހުދު ފަޓްލޫނަކަށް ވާނެގޮތާއި އެ ހިސާބުގެ ކުލަ ކިލާވުމާއި ކުޑަ އުނދަގުލެއްގައި އުޅުނު ހަނދާން ކޮންމެވެސް ވަރަކަށް ހުރެ އެވެ. އެ ޒިޕް އަށް ވެސް ބުރަ ބޮޑުވެގެން މާ ގިނަ ދުވަހަކު ނުހިފެހެއްޓުނުކަން ވެސް އަޅުގަނޑުގެ ހަނދާނަށް އާދެ އެވެ!

އިބުރާބެ ވަރަށް ގިނައިން ޗުއިންގަމާއި މެޓަޔާ އަހަރެމެންނަށް ދީ އުޅުނު ހަނދާންވެސް ކުޑަކޮށް ހުރެ އެވެ. އެއީ އިނގިރޭސީން ގަމުގައި ތިބި ތިޔާގި ދުވަސްވަރެވެ. އައްޑޫ ކުދިން މާލޭގައި އެހާ ގިނަ ޒަމާނެއް ނޫނެވެ. މަ ޖީދިއްޔާގައި އުޅެނީ ބޭބެ އާއި މަށާ އެކަންޏެވެ. އައް ޑޫ ކުދިންވެސް އަތުގެ އިނގިލިން ގުނާލެވޭނެ އެވެ. އެއީ ވެސް ޒަމާނެކެވެ.

ހަތްދިހައިގެ މެދުތެރޭ ވިލިނގިލި ޖީއެމްއަކަށް އަލްމަރުޙޫމް ކަނޑި އަޙުމަދު އިސްމާޢީލް މަނިކު ކައިރީގައި އިބްރާބެ މަސައްކަތް ފެށީ ރޫމް ބޯއީއަކުންނެވެ. މުސާރައަކީ 40ރ. އެވެ. ދެ މަސް ފަހުން ވެއިޓަރަކަށް ބަދަލުވި ގޮތަށް މުޅި ރިސޯޓް ލައިފް ހޭދަކުރީ ފުޑް އެންޑް ބެވަރޭޖް ނުވަތަ ކެއުން ބުއިމުގެ ދާއިރާގަ އެވެ. ދެތިން އަހަރު ފަހުން އަޅުވެތި އެގްރިމަންޓަކާ ދެބަސްވުމަށް ފަހު، ބަރޮސް އަދި ޅޮހިފުށީގައި އުޅުމަށް ފަހު އަސްދޫ ހުޅުވައިގެން އެތާ އުޅުނު ގޮތަށް އިންޑަސްޓްރީގައި 30 އަހަރެއްހާ ދުވަހު އުޅެވުނުކަމީ ހަގީގަތެވެ.

މީހެއްގެ އުމުރު ޓުއަރިޒަމް އިންޑަސްޓްރީގައި ބުރަކޮށް ހޭދަކޮށްލީ އާއިލާއާ ދުރުގަ ހޭލީއްސުރެ ނިދަންވަން ދެން މަސައްކަތް އަދި އެހާމެ ތެދުވެރި ކަމާއެކުކަން ވަރަށް ގިނަ ރައްޓެހިން ބަލައިގަނެ އެވެ. އޭރުގެ ރިސޯޓްގެ މަސައްކަތް ހުންނަ ގޮތަކީ، ވެއިޓަރުކަން ކުރަމުން، ބަދިގޭގައި ކައްކާ ނެތިއްޔާ އެތަން ފޫބައްދަމުން، ރިސޯޓުގެ ސާމާނާ އިމާރާތް ދަބަރު ތަޅާ، ދަވާދުލާ، މަރާމާތުކޮށް އަދި ފުރާޅަށް ފަންލުމާ، ހަފްތާއަކު ދެތިންރޭ ވެއިޓަރުން ގޮވައިގެން ފަރުމަހަށް ގޮސް ގެސްޓުންގެ ކޮއްތު ހަމަޖެއްސުމާ މިހެންމިހެން ގޮސް މިހާރު ބުނެދޭން ހިތަށް އެހާ ފަސޭހަ ކަންތައްތަކެއް ނޫނެވެ.

ހަފުތާއަކު އެއް ދުވަހު މާލޭން އަންނަ ސަޕްލައި ދޯންޏަކުން ގެންނަ ސާމާނު، އޭގެތެރޭއި ޕާން ވެސް ހިމެނެއެވެ. ވިސްނާލުމުން ހިތަށް އަރަނީ ތިންހަތަރު ދުވަސް ފަހުން ޕާނަކަށް ވާނެގޮތެވެ. އޭގެ ފޫ ކަހައިގެން، ވަޅިން ކަނޑައިގެން ވަރަށް އުނދަގުލުން ގެސްޓުންގެ ހިތްހަމަ ޖައްސައިދިނުމުން އެ މީހުން އޭގެ އަގު މާ ބޮޑަށް ދަނެ އެވެެ. ޚާއްޞަކޮށް އަނބިދަރިންނާ ދުރުގައި އުޅޭތީ، ދޮންމީހުންގެ ހިތަށް ކެތްނުވެގެން 500-1000 އާ ދޭތެރޭ އަދަދެއްގެ ޓިޕްސް ލިބޭ ކަމަށް އިބްރާބެ ބުންޏެވެ.

މުޅިއެކު އިބްރާބެ 30 އަހަރަށް ވުރެ ގިނަ އަހަރު ފަތުރުވެރީންގެ ޚިދުމަތުގައި އުޅުމަށް ފަހު ވަޒީފާ އަދާ ކުރެވުނީތީ ހިތްހަމަޖެހުމެއް އުފަލެއް ނެތި ދުވަހަކު ވެސް ޔުނިފޯމެއް ނުލިބި ވެސް ރިސޯޓް މަސައްކަތް ނިންމައިލީ 1500ރ. ރުފިޔާ ގެ މުސާރައަކުންނެވެ.

އޭގެ ފަހުން އަމިއްލަ ރަށަށް އައިސް ކުޑަ ފިހާރައެއް ހުޅުވައިގެން މިއަދު ގިނަ ވަގުތު މިސްކިތްދޮށުން ދިމާވެ އުޅޭ ގާތް އާއިލީ ބަފައެއް ކަހަލަ ރައްޓެއްސެކެވެ.

އިހަކަށް ދުވަހު ވެސް ދިމާވެގެން ހާލު އަހާލީމާ އިބްރާބެ ހިނިތުންވުމާ އެކީ މޫނުމައްޗާ އަތާ ހަށިގަނޑުން ބުނި ފަދައީ ދެން ކޮން ގޮތެއް ހެއްޔޭ އެވެ؟ ކުޑަކަމެއް ވިޔަސް ދާނެ ހޮސްޕިޓަލެއް ނެތީ އެވެެ. އަދިވެސް ހަމަ ދާން މި ޖެހެނީ ރަށް ދޫކޮށޭ، މުޅި އުމުރު ބަޔަކު މުއްސަނދި ކޮށްދިން މީހުން ކޮން ފަދަ ނިކަމެތިތޯ އެވެ؟

އިބުރާބެގެ މަ އެންމެވާ ހަނދާނަކީ، ރިސޯޓަށް ދަމުން އޭރުގެ އިނގިރޭސި ޒަމާން ބައިސްކަލް ހުންނާނީ ސީވީޑް ކިޔާ އަހަރެމެންގެ ގޭގަ އެވެ. އެއީ ވަރަށް އުފާވާ ކަމެކެވެ. އަދި ރައްޓެހި ކުދިން ވެސް އެ ބައިސްކަލް ދުއްވައި އުޅޭނެއެވެ. މިއަދު ވެސް ހަމަ އެ ބައިސްކަލް އެ ނަލަކަންމަތީ އިބުރާބެ ދުއްވާ ތަން ފެނުނީމައި އެނގިގެންދަނީ އެއީ އަސްލު އިބުރާބެގެ ކޮލިޓީކަމާއި ކަންކަމާއި އެއްޗިއްސަށް ބަހައްޓާ ލޯތްބެވެ.

ޓުއަރިޒަމަށް 50 އަހަރުވީ އިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިފަދަ ހިދުމަތްތެރިންގެ ހަނދުމައެއް ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.