Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ދިވެހިން ވާހަކަ ދައްކާ ވާޗްއަލް އެސިސްޓަންޓެއް

އާޓިފިޝަލް އިންޓެޖިލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ދިވެހި ބަހުން ވާހަކަ ދައްކާ ވާޗްއަލް އެސިސްޓަންޓެއް އުރީދޫން ތައާރަފުކޮށްފި އެވެ.

އަބަދު ވެސް ކަސްޓަމަރުންނަށް ތަފާތު އާ ކަންކަން ގެނެސްދެމުން އަންނަ ކުންފުނިން ދިވެހި ބަހުން ވާހަކަ ދައްކާ ފުރަތަމަ ވާޗުއަލް އެސިސްޓެންޓް "އެވީ" ގެ ނަމުގައި ތައާރަފުކުރީ މެންހެޓަން ބިޒްނަސް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. "އެވީ" ލޯންޗްކޮށް ދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ.

އުރީދޫން ބުނީ އެ ކުންފުނިން ތައާރަފުކުރި ވާޗުއަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް ކަސްޓަމާ ކެއާ ހޮޓްލައިން 929 ނަންބަރަށް ގުޅުމުގެ ބަދަލުގައި ޑޭޓާ، ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރު ބަލައިލެވޭނެއެވެ. އަދި ބިލުތަކާ ބެހޭ މައުލޫމާތު ވެސް ހޯދޭނެ ކަމަށެވެ.

"އެވީ" ތައާރަފުކުރުމުގެ އިތުރަށް އިއްޔެ އުރީދު އަށް ހާއްސަ ތާނަ ފޮންޓެއް ވެސް ތައާރަފުކޮށްފައިވެ އެވެ. އެ ފޮންޓު ތައާރަފުކޮށް ދެއްވީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެ ފޮންޓާ ގުޅޭ ގޮތުން އުރީދޫން ބުނީ އެއީ ވަރަށް ދުރާލައި މަސައްކަތްކޮށްގެން، ވަރަށް ގިނަ މީހުންގެ ހިޔާލާއި އެހީތެރިކަމާ އެކީ އުފެއްދި ފޮންޓެއް ކަމަށެވެ. އުރީދޫގެ ފޮންޓުގައި ހަތަރު ސްޓައިލެއް ހިމެނެ އެވެ. އެއީ ލައިޓް، ރެގިއުލާ، ބޯލްޑް އަދި އެކްސްޓްރާ ބޯލްޑް އެވެ.

އުރީދޫން ބުނީ ފޮންޓު ފަރުމާކޮށް ދިނީ އެއްވެސް އަގަކާ ނުލައި ގިނަ އަދަދެއްގެ ތާނަ ފޮންޓު އަމިއްލަ އަށް ފަރުމާކޮށް އަދި އާންމުންނާ ހަމައަށް ގެނެސްދޭ ހުސައިން ނިޔާޒު ކަމަށެވެ.