Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ހޮސްޕިޓަލްތައް ހިންގަން ވާނީ މިނިސްޓްރީއާ ވަކިން

ރާއްޖޭގައި ސަރުކާރުގެ ހުރިހާ ހޮސްޕިޓަލެއް ވެސް ހިންގަން ވާނީ ހެލްތު މިނިސްޓްރީއާ ވަކިން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ވެސް މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ސަރުކާރުގެ ހޮސްޕިޓަލް ކަމަށްވާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވެސް ހިންގަނީ މިނިސްޓްރީއާ ނުބައްސައި ވަކި ބޯޑެއްގެ ދަށުންނެވެ. އަދި އައްޑޫގެ ހުރިހާ ސިއްހީ މަރުކަޒެއް ވެސް ހިންގަމުން އަންނަނީ އެ ހޮސްޕިޓަލްގެ ދަށުންނެވެ.

މި އުސޫލާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިނިސްޓަރު ނަސީމު ވިދާޅުވީ ހެލްތު މިނިސްޓްރީ އަކީ ހިންގަން ވެސް އުނދަގޫ ދާއިރާއެއް ކަމަށެވެ. އެހެންވެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް އެ މިނިސްޓްރީ އަށް ނިސްބަތްވާ އިރު، ހުރިހާ ހޮސްޕިޓަލްތަކެއް ސީދާ މިނިސްޓްރީގެ ދަށުން ހިންގުމުގެ ބަދަލުގައި އެތަންތަން ހިންގަން ޖެހޭނީ އަމިއްލަ ބޯޑަކުން ކަމަށް ވިދާޅުވި އެވެ.

ނަސީމު ވިދާޅުވި ގޮތުގައި އެކަމުގައި މިނިސްޓްރީގެ ދައުރަކަށް ވާނީ ހޮސްޕިޓަލްތައް ހިންގަނީ ރަނގަޅަށްތޯ ބެލުމެވެ.

"ހެލްތު މިނިސްޓްރީ އަކީ ވަރަށް އުނދަގޫ ވުޒާރާއެއް. އުނދަގޫ ސަބަބަކީ އަޅުގަނޑުމެންގެ އެބަހުރި 186 ހެލްތު ފެސިލިޓީ. އެ ހުރިހާ ތަނެއް ބެލެހެއްޓުމާއި ހެލްތު މިނިސްޓްރީގެ މަސައްކަތް ހުންނަ ގޮތުން، މީގައި އެބަހުރޭ ބޯޑުގެ ދަށުން ހިންގާ ހޮސްޕިޓަލުތައް. ހުރިހާ ހޮސްޕިޓަލެއް ވެސް ހެލްތު މިނިސްޓްރީ އާ ވަކިން ހިންގަންޖެހޭނީ އަޅުގަނޑު ދެކޭ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ. "ހެލްތު މިނިސްޓްރީ އަކީ ހޮސްޕިޓަލު ހިންގާ ތަނަކަށް ވެގެން ނުވާނެ. ހެލްތު މިނިސްޓްރީން ޖެހޭނީ ހޮސްޕިޓަލުތައް ހިންގަނީ ރަނގަޅަށްތޯ ބެލުން. އަޅުގަނޑުމެންނަށް ހިންގަމުން އެކަމެއް ނުކުރެވޭނެ."

"ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބެއް އަތުވެއްޖެ. އެންމެ ފުރަތަމަ ޓާޝިއަރީ ހޮސްޕިޓަލުތައް އުފައްދައިފިން. ޓާޝަރީ ހޮސްޕިޓަލުތައް އުފެއްދުނީމާ، އޭގެ މާނަ އަކީ ހުރިހާ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތައް އެ ޓާޝަރީ ހޮސްޕިޓަލުގެ ތެރެއަށް މި ވަނީއޭ،" ނަސިމު ވިދާޅުވި އެވެ. "މިހާރު މިއޮތީ މީގެ ފައުންޑޭޝަނެއް އެޅިފައި. މިއީ ދުވަހަކު ވެސް ހެލްތު ދާއިރާގައި ކުރެވިފައި އޮތް ކަމެއް ނޫން."

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ އަށް މިހާރު ގެނެވެމުން އަންނަ ބަދަލުތަކާ އެކީ ކަންކަން މިހާރު ދަނީ ވަރަށް ރަނގަޅަށް ކަމަށް ފެނެ އެވެ.

"ދެން ހެލްތު ދާއިރާގެ ވަރަށް ބޮޑު އިންގިލާބެއް މި އަންނަ އަހަރުގެ ތެރޭގައި އެބަފެނޭ އަންނަ ތަން. މިހާރު ދެން އޮންނާނީ ހިދުމަތް ދިނުން،" ނަސީމު ވިދާޅުވި އެވެ. "ހިދުމަތް ދިނުމުގެ ބައި އަންނަ އަހަރު ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ. އިންފްރާސްޓްރަކްޗާތައް އެހުރީ ތައްޔާރުވެފައި."