Last Updated: April 20, 17:12
Saturday, April 20, 2024
ރިޕޯޓް

ބޯ ކަޅުކޮށްލަން ކަރަންފުލާއި ކޮފީ

އިސްތަށިގަނޑުގެ ނުރަ ފިލުވާނެ ވަރަށް ގިނަ ގޮތްގޮތް މިހާރު އެބަހުއްޓެވެ. މީގެ ތެރޭގައި މިކަން ވަރަށް ފަސޭހައިން ކުރެވޭ ކަހަލަ ކަންކަން ވެސް އެބަހުއްޓެވެ. އެގޮތުން މިހާރު ކަޅު ކުރާ ޝޭމްޕޫ އަކީ ހަމަ ވަރަށް ފަސޭހަ ގޮތެކެވެ. މިއީ ސެލޫނަކަށް ނުގޮސް ކޮންމެ މީހަކަށް ވެސް ހަމަ ގޭގައި ކޮށްލެވިދާނެ ކަމެކެވެ.

އެކަމަކު ގިނަ ފަހަރަށް މިފަދަ ތަކެއްޗަކީ އެތަކެއް ކެމިކަލެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗިއްސަށްވާތީ އެކަމަށް ފަރުވާތެރިވުން މުހިއްމެވެ. އެފަދަ އެއްޗެހީގެ ސަބަބުން އިސްތަށިގަނޑަށް އިތުރު ގެއްލުންތައް ލިބުމަކީ ވެސް ވެދާބެ ގޮތެކެވެ.

އެހެންވެ މާ ރައްކާތެރި އެހެން ގޮތްގޮތަށް ވެސް ބޯ ކަޅުކޮށްލެވިދާނެ އެވެ. މި ކިޔައިދެނީ އެކަހަލަ ގޮތެކެވެ. މިކަމަށް ބޭނުން ވަނީ ކަރަންފުލާއި ކޮފީގެ އިތުރުން ބޭ ލީފް އެވެ. ބޭ ލީފަކީ މިހާރު ހަމަ ރާއްޖޭގެ ބާޒާރުން ފަސޭހައިން ލިބެން ހުންނަ އަދި ކާ އެއްޗެހި ތައްޔާރުކުރާ އިރު، މިހާރު ގިނަ ބަޔަކު އާންމުކޮށް ބޭނުން ވެސް ކުރާ އެއްޗެކެވެ. އެހެންވީމާ ޔަގީނުން ވެސް ހޯދާކަށް އުނދަގެއް އަދި ބީރައްޓެހި އެއްޗަކަށް ވެސް ނުވާނެ އެވެ.

މި ތަކެތީގެ އިތުރަށް ދެން ބޭނުން ވާނީ ސްޕްރޭކޮށްލެވޭ ކަހަލަ ކުޑަވަރެއްގެ ފުޅިއެކެވެ.

ދެން އޮތީ ކަރަންފުލާއި ކޮފީ އާއި ބޭ ލީފް ބޭނުންކޮށްގެން ބޯ ކަޅުކުރާނެ "ބޭސް" ތައްޔާރުކުރާނެ ގޮތެވެ. ހޯދާ ފުޅީގެ ސައިޒަށް ބަލާފައި ބޭނުންކުރާ ތަކެތީގެ މިންވަރު ކަނޑައެޅިދާނެ އެވެ.

މިކަން ކުރަން ހަދަން ޖެހޭ ގޮތަކީ ކަރަންފުލާއި ބޭ ލީފް އެއްކޮށް ފެނު ކައްކާނީ އެވެ. ބޮކި އަރާވަރަށް ކެކުނީމާ އުނދުން މަތިން ބާލާފައި އޭގެ ތެރެއަށް ކޮފީ ސަމުސަލެއް އަޅާފައި ރަނގަޅަށް ގިރައިލާށެވެ. ދެން ފުރާނާލާފައި ފުޅިއަށް އަޅާލާނީ އެވެ. ފަސޭހަ ވަގުތެއްގައި ދެން ބޮލަށް ސްޕްރޭކޮށްލެވިދާނެ އެވެ. މިސާލަށް ރޭގަނޑު ނިދާ އިރު ސްޕްރޭކޮށްފައި ޕްލާސްޓިކް ކެޕަކުން ކަވަރުކޮށްފައި ހެނދުނު ހޭލާފައި ވެސް ދޮވެލިދާނެ އެވެ. ސްޕްރޭކުރާ އިރު ބޮލުގެ ހުރިހާ ހިސާބަކަށް ސްޕްރޭކުރަން ވާނެ އެވެ. އޭރުން ބޮލުގެ ހަންގަނޑަށް ވެސް ހެޔޮ ބަދަލުތައް އަންނާނެ އެވެ.

މި ގޮތަށް މި ސްޕްރޭ ބޭނުންކުރާ ނަމަ ނުރަ އިސްތަށިތައް ކަޅުކޮށްދެ އެވެ. އަދި ސްޕްރޭ ތައްޔާރުކުރަން ބޭނުންކުރި ތަކެތީގައި އެކުލެވޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކޮށް ދިނުމާއި ބޮލުން ހަންްފޮޅުމާއި އިސްތަށިތައް ވަރުގަދަކޮށްދީ ތާޒާކަމާއި އޮފްކަން ވެސް ގެނެސްދޭނެ އެވެ. އަދި މިއީ އިސްތަށިގަނޑުގެ ބުޑު ވަރުގަދަކޮށްދީ އިސްތަށިތައް ފެޅުމަށް ވެސް މަގުފަހިކޮށްދޭނެ އެއްޗެކެވެ.

ތަޖުރިބާކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟