Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ޓޫރިޒަމް ރައްޓެހިންގެ މޯ" ނިޔާވެއްޖެ

މުހައްމަދުބޭގެ ދެމަފިރިންނާ އެކީ އައިސީ.

ވަރަށް ގިނަ ދުވަހު ޓޫރިޒަމް ދާއިރާގައި މަސައްކަތްކޮށްފައިވާ އައްޑޫ ފޭދޫ ފިޔާތޮށިގޭ މުހައްމަދު ހުސައިން (ދޮންއަލިޔެގެ މުހައްމަދު) ނިޔާވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގައި އެކީގައި މަސައްކަތްކުރި މީހުންގެ ބަހުން "މޯ" ގެ ނަމުން ދަންނަ މުހައްމަދު އުމުރުން 84 އަހަރުގައި ނިޔާވީ ބަލިވެއުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ރޭގެ މެންދަމު ވަގުތެއްގަ އެވެ. އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިއަދު އަސްރު ނަމާދަށް ފަހު ފޭދޫ މަސްދިދު އަމާންގަ އެވެ.

މުހައްމަދަކީ "އައްޑޫ ލައިވް" އަށް "ގެއްލުނު ހާޒިރީ" ގެ ނަމުގައި ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންތަކެއްގެ ޕްރޮފައިލްތަކެއް ސިލްސިލާކޮށް ގެނެސްދިން އިރު، މި މަހުގެ 16 ވަނަ ދުވަހު ޕްރޮފައިލް ހާއްސަކުރި ހިދުމަތްތެރިޔާ އެވެ. މިއީ ފޭދޫގެ ލިޔުންތެރިއެއް ކަމަށްވާ އައިސީގެ ލިޔުންތަކެކެވެ.

މުހައްމަދާ ބެހޭ ގޮތުން އޭނަ ގެނެސްދިން ލިޔުމުގައިވާ ގޮތުން މުހައްމަދަކީ 35 އަހަރަށް ވުރެ ގިނަ ދުވަހު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރި މީހެކެވެ. އައިސީ ލިޔެފައިވާ ގޮތުގައި "މުހައްމަދުބެ އަކީ ވަރަށް ޒަމާނީ ބޯން ހޮސްޕިޓަލިޓީ ހިނިތުންވުމާ އެކީ ގުޑް މޯނިން، ގުޑް އާފްޓަނޫން، ބާއި ފަދަ ރީތިކޮށް މުޚާތަބުކޮށް، ރީތި އާދަކާދަ ގެންގުޅޭ ވަރަށް ފެޝަނަބަލް" ޝަހުސިއްޔަތެކެވެ.

"އަޅުގަނޑު އެންމެ ފާހަގަކުރާ ކަމަކީ، އެކަމަކާ ގުޅޭ ގޮތަށް އަޅާފައި ހުންނަ ހެދުމެވެ. ކަސްރަތު މޯނިން ގަޑި އަށް ވަކި ވައްތަރެއް، މެންދުރުފަސް، ރޭގަނޑުގެ ހެދުން ވަރަށް ނަލަކޮށް މީހާއާ ވަގުތާ ގުޅޭ ގޮތަށް އަޅާފައި ހުންނަކަން ފާހަގަކުރެވެއެވެ. ކިހިނެއްތޯ ގަމީސް އެހާ ރީތިކޮށް އިސްތިރިކޮށް ނަލަކޮށް ތަރުތީބުން ހެދުން އަޅަނީ އަހާލުމުން އަންހެނުންނާ ދިމާއަށް އަތް އެއްލާފައި ބުނީ "ޝީ އިޒް ދަ ބެސްޓް" ކަމަށެވެ." އައިސީ ލިޔެފައިވެ އެވެ.

"އައްޑޫ ލައިވް" ފަރާތުން މުހައްމަދުގެ އާއިލާ އަށް ތައުޒިޔާ ފޮނުވަމެވެ.