Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މާޓީގެ އޮޓޮޕްސީ ހަދަން އިންޑިއާ އަށް ގެންދަނީ

ފުލުހުންގެ ބަންދުގައި ހުއްޓާ އިއްޔެ ނިޔާވި ގދ. ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު މާލެ ގެންގޮސްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކޮށްފައި ވަނިކޮށް އޭނާ ނިޔާވީ މެޔަށް ތަދެއް އެރުމަށް ފަހު، ފިޓު ޖެހޭ ފަދަ އަލާމާތްތަކެއް ފެނުމަށް ފަހު އެވެ. އޭނަ އަށް ފަރުވާ ދިނުމަށް މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މާޓީގެ މަރާ ގުޅިގެން އިއްޔެ މަޑަވެލީގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ބައެއް މީހުން ވަނީ ފުލުހުންގެ ބަންދުގައި އޭނަ އަށް އަނިޔާކޮށް މަރާލި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން ބުނީ މާޓީގެ ހަށިގަނޑު ރޭ ދަންވަރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައީ ނިޔާވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް އިންޑިޔާއަށް ފޮނުވުމަށެވެ.

މި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ ހިއްސާކޮށް ތަހުގީގުކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.