Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

އައިފޯނަށް އަލުން ޔޫއެސްބީ-ސީ ޕޯޓް ގެންނާނެ

މި ފަހުން ނެރޭ އައިފޯނުގައި ޔޫއެސްބީ ޕޯޓް ނުހިމަނައި ނެރޭތީ ބްރެޒިލާއި އީޔޫގެ ގައުމުތަކުން ކުރިމަތިވެފައިވާ ޕްރެޝަރުތަކާ ހެދި ކުރިއަށް އޮތް ތަނުގައި އަނެއްކާ ވެސް އައިފޯނަށް ޔޫއެސްބީ-ސީ ޕޯޓް ގެންނާނެ ކަމަށް ބުނެފި އެވެ.

މިކަން ރަސްމީކޮށް އެޕަލް އިން އަދި ހާމަނުކުރި ނަމަވެސް އެ ކުންފުނީގެ ވޯލްޑްވައިޑް މާކެޓިން ސީނިއާ ވައިސް ޕްރެޒިޑެންޓް ޖޮއާނާ ސްޓާން ވޯލް ސްޓްރީޓް ޖާނަލްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އައިފޯނަށް ޔޫއެސްބީ-ސީ ޕޯޓް އަލުން ގެނައުން ނޫން ގޮތެއް ނެތް ކަމަށެވެ.

"އެއީ ކުރަން ޖެހިފައި އޮތް ކަމެއް. އެހެންވެ އެކަން ނުކުރުމުގެ އިހުތިޔާރެއް ވެސް ހަގީގަތުގައި ނެތް." އޭނާ ވިދާޅުވި އެވެ.

އައިފޯންގައި ޔޫއެސްބީ-ސީ ޕޯޓް ނުހިމަނައި ނެރޭތީ އެއީ ކަސްޓަމަރުންނަށް ހައްގަކަށް އަރައިގަތުން ކަމަށާއި އައިފޯނު ގަންނަ މީހުންނަށް ޗާޖަރެއް ހައްގުވާން ޖެހޭ ކަމަށް ބުނެ ބްރެޒިލް އިން މިދިޔަ އަހަރު އައިފޯން 12 ގެ މައްސަލާގައި އެޕަލް ދެ މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ.

އީޔޫއާ އެއްގޮތަށް ބްރެޒިލުން ވެސް މިހާރު ނިންމާފައި އޮތީ ޔޫއެސްބީ-ސީ ޕޯޓް ހިމަނައިގެން ނޫނީ ސްމާޓްފޯނުތައް އެ ގައުމުގައި ނުވިއްކޭނެ ކަމަށެވެ. އެ އުސޫލަށް އީޔޫން އަމަލުކުރަން ނިންމާފައި ވަނީ 2024 ގެ ފަހުކޮޅުން ފެށިގެންނެވެ. އީޔޫން ޔޫއެސްބީ-ސީ މަޖުބޫރުކުރަން ނިންމި ޑިވައިސްތަކުގެ ތެރޭގައި ސްމާޓް/މޯބައިލް ފޯނާއި ޓެބްލެޓާއި ހެޑްފޯނާއި ހެޑްސެޓާއި ވީޑިއޯ ގޭމް ކޮންސޯލްގެ އިތުރުން ޕޯޓަބަލް ސްޕީކަރު ހިމެނެ އެވެ.

އެޕަލް އިން ކުރިން ބުނެފައިވާ ގޮތުގައި ޔޫއެސްބީ-ސީ ޕޯޓާއި ޗާޖަރު ނުހިމެނޭ ގޮތަށް ފޯނު ޗާޖްކުރެެވޭ ގޮތަށް ފޯނު ނެރުމަކީ ޒަމާނީ އުފެއްދުންތެރިކަމެވެ. އަދި ކަމަށް ހުރަސް އެޅުމަކީ އުފެއްދުންތެރި ކަމަށް ހުރަސްއެޅުމެވެ. އައިފޯންގައި ޔޫއެސްބީ-ސީ ޕޯޓްގައި ބަދަލުގައި ޗާޖިން އަށް އިންނަނީ ލައިޓްނިން އެވެ.