Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ރާއްޖެ އަބަދު މުސްލިމު ގައުމެއްގެ ގޮތުގައި ލަހައްޓަވާށި

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަމުން އަންނަ އިރު މި ގައުމު ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އަބަދު ވެސް ލަހައްޓަވާނެ ކަމަށް ދުއާކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ވަނީ ހިޖުރީ ގޮތުން މީގެ 896 އަހަރު ކުރިން ރާއްޖެ އިސްލާމްވި ތާރީޚީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މުސްލިމު ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ވެސް ދަންނަވައިފަ އެވެ.

"މާތް ﷲ ދިވެހިރާއްޖެ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަބަދުމެ ލަހައްޓަވާށި!" ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ އެކަމުގެ ރަސްމީ ޖަލްސާ ވެސް ސަރުކާރުން ބާއްވައިފަ އެވެ.

ރާއްޖެ އިސްލާމްވީ ދުވަސް މިއަދު ފާހަގަކުރަމުން އަންނަ އިރު، ފަހަކަށް އައިސް ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތަކާއި އަދި އިސްލާމް ދީނުގައި މަނާ އެތައް ކަމެއް ކުރުން އާންމުވެފައިވެ އެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ގައުމުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް ވެސް އުފެދިފައިވެ އެވެ.