Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ހަނީފާއި ޓުއަރިޒަމްގެ ހިދުމަތް

ހަނީފާ އެކީ އައިސީ.

ސ. ފޭދޫ ފޫޅުމައިގޭ އަހުމަދު ޙަނީފް ނުވަތަ ރިސޯޓް ނަމުން ނަމަ ރިހިވެލި ހަނީފް 1972 ގައި ގަމުގެ ޕްރައިވެޓް ރޫމް ބޯއިއެއްގެ ވަޒީފާއަކަށް ފުރުޞަތު ލިބުނީ ޙަސަންބޭބެ (ޙަސަން ރަހާ) ވަޒީފާ ހޯދައި ދިނުމުންނެވެ. އެކަން ވީ ގޮތަކީ ހިތަދޫގައި ރަޖިސްޓްރީގެ ކޮންމެސް އޮޅުމެއް އަރައިގެން ކުޑަ ބްރޭކެއް އައީ އެވެ.

އެ ދުވަސްވަރު އެއްބަނޑު އެއްބަފާ ކޮއްކޮ ރަޝީދުބެ މަސައްކަތްކުރަނީ ގޮލްފް ކޯސްގައިކަމުން އަދި ރަޝީދުބެ ހަވީރު ބޯޅަ ކުޅެންދާން ބޭނުންވާތީ އެތަނަށް ދެވަނަ މީހަކަށް ފުރުޞަތު ލިބިގެން ދިޔައީ އެވެ. އެއީ ގަމުން 1976 ގައި އިނގިރޭސީން ފައިބަންދެން ގޮލްފް ކޯސްގައި އުޅެން ދިމާވި ސަބަބެވެ. އޭރު ވާނީ އުމުރުން 17 ނުވަތަ 18 ވަރަކަށް އަހަރެވެ

ހަނީފު ވަޒީފާގެ ވާހަކަ ފަށަައިގަތީ 18 ހޯލްގެ ގޮލްފް ކޯހެއެއްގެ މަސައްކަތް ކިޔައިދެމުންނެވެ. އެ ވާހަކަ ކުރިއަށް ގެންދަން ފެށުމުން ހިތަށް އެރީ މި ދައްކަނީ ކުރީކޮޅު 70 ގެ އަހަރުތަކުގަ ހަމަ ދިވެހިރާއްޖޭގެ ވާހަކަ ބާވައޭ އެވެ؟ ހެނދުނު 8:00 އިން މަސައްކަތް ފެށޭކަމާއި ރޭގަނޑުގެ ބަޔަކާ އެކު ނިންމައިލާ ރޭރޭ ވެސް މަދެއް ނޫން ކަމަށް ހަނީފް ބުންޏެވެެ.

ހެނދުނު އާންމުކޮށް ކުޅެން އަންނާނީ ފްލައިޓް ކްރުންނާއި ޕައިލެޓުންނެވެ. ގިނަ މީހުން އަންނާނީ މެންދުރު ފަހު އެވެ. ގިނަމީހުން އެގޮތުން 20 އަށް ވުރެ ގިނަމީހުން އަންނަ ފަހަރުވެސްދެ އެވެ. ގެސްޓުން އައުމުގެ ކުރިއަށް ތަން ރެޑީކޮށް ސާފުކޮށް ސާވީސް އަށް ރެޑީވުން އަދި ކުޅެމުން ދާއިރު ވެސް ޚިދުމަތް ބަރާބަރަށް ދިނުން އޮންނާނެ އެވެ. މަސައްކަތުގެ ތަރުތީބު ހަމަމަގުން ބެހެށްޓުން އެއީ އިނގިރޭސީން (ގުރޭޓް ބުރިޓެއިން ޒަމާން) އެއް މިންގަނޑެއްގައި ހިފަހެއްޓިފައި ހުންނަ ކަންތައްތަކެވެ .

އެކަހަލަ ކިތަންމެ ފައިދާ ކުރުނުވި ފިލާވަޅުތަކެށް މަސައްކަތުގެ ތެރެއިން ތަރުތީބުވުމުގެ ސިސްޓަމެކެވެ. ގްރާސްތައް ކޮށައި ބެލެހެއްޓުން އެއީ އަހަރެމެންގެ ކަމެއް ނޫނެވެ،. އެކަމަށް ޚާއްޞަ ބައެއް ދިވެހިން ޓްރެއިނިން ލިބިފައި ތިބި ބަޔަކު ޤަވައިދުން ބަލަހައްޓަމުން ގެންދާނެ އެވެ. ވަޒީފާގެ ބުރަކަމެއް ނޯވެ އެވެ. އޭރު މުޅި ރާއްޖެ އަށް ބަލާފައި ހުރިހާ ގޮތަކު ންވެސް ފުދުންތެރިކަން ބޮޑު، ހިތްހަމަޖެހިގެން އާއިލާ ކައިރި ވަޒީފާގައި އުޅެވުނު ދުވަސްވަރެވެ.

ގަމުން 1976 ގައި އިނގިރޭސީން ފޭބުން ވެގެން ދިޔައީ މުޅި އައްޑު އަށް ދިމާވި ހިތްދަތި އަޅުވެތިކަމުގެ ފެށުން ކަމުގައެވެ.
ރެފިއުޖީ ދިރިއުޅުމަށް ބަދަލުވުމުގެ ވިސްނުމަށެވެ. އަމިއްލަ ތަނަވަސްކަމާއި ސިއްހީ ފަރުވާ އާއި ކެއުންބުއިމާއި އާއްމު ދިރިއުޅުމާއި ގެދޮރާއި ލޯބިވާ އާއިލާ އާއި އަނބިދަރީން ވިހާ ބޮޑުވި ރަށާއި ގަސްގަހާގެއްސާ ދޮންދީނީގެ ގޮވެލިތަކާ އެއްޗެހި ދޫކޮށް ދިއުން ނޫން އެހެން ގޮތެއް ނެތުމުން ހަނީފު ފޮށިތަންމަތި ބަނދެ ދަތުރު ފެށީ އެވެ.

އޭގެ ފަހުން 1977 ގައި މާލެ ގޮސް ފުރަތަމަ މަސައްކަތް ފެށީ ފަރީދީމަގުގައި އިންޑިއާ ބައެއްގެ ފިހާރައެއްގަ އެވެ. ނަމަކަށް ކިޔާ ހަނދާން ވަނީ "މޮނަލާލްސް" އެވެ. ދުވަސްކޮޅެއްގެ ފަހުން އެ ފިހާރައިންގެ މަސައްކަތުން އަތް ދޮވެލީ އެވެ. އަދި 1978 ގައި ކަނިފިނޮޅު ރިސޯޓް ވަޒީފާއަށް ދިއުން އެއީ ރިސޯރޓް މަސައްކަތުގެ ފެށުމެވެ.

ކަނިފިނޮޅުގެ އޭރުގެ ވެރިން ކަމަށްވާ ސަޢީދާއި ޙަސަންބެ އާއި އާދަމްބެ އެއީ ތިމަންނަޔާ ވަޒީފާގެ ވާހަކަ ދައްކާފައި އިންޓަވިއުކޮށް 100ރ.ގެ މުސާރައެއް ކަމަށް ބުނިބުނުން ދެ ފަރާތުން ވަގުތުކޮޅަކަށް ވަޒީފާގެ މަސްއޫލިއަތްގެ ކަންކަމާ އަންގަތަޅާލުމަށް ފަހު 200ރ. ރުފިޔާއަށްވުރެ ކުޑަތަންކޮޅެއް ބޮޑުކޮށް ވެވުނު އެއްބަސްވުމާ އެއްކޮށް ބާރގައި މަސައްކަތް ފަށައިގަތުމާ އަދި ސްޓޯރު ވެސް ކޮންމެ ދުވަހަކު ހެނދުނު އެއްޗެހި ދޫކުރުން އެއީވެސް ދުވަހުގެތެރޭ ކަމެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދިއުން އެއީ ރިސޯޓްގެ ވެރިން ވަރަށް ރަނގަޅަށް ބަލައިގެންފިކަން ވެރިންގެ ބަހުރުވަޔާ ގާތްކަމުން އެނގިގެންދިޔަ އެވެ.

ވިކުރާއާ ސިނގިރޭޓާ ފުށުއެރުން ވެސް ނިމިގެން ދިޔައީ، ސަޢީދު އެކަން ވެސް މަގޭ ދުވަހުގެ މަސައްކަތަށް އިތުރުކޮށްލިކަމީ އެއީ އިތުބާރެވެ. އޭރު ބޮޑަށް ބަލަނީ ބާ ވިކުރާގެ އަދަދު ގިނަކުރެވޭތޯކަމާއި ފުދޭވަރެއްގެ ވިޒިޓަރުން ރަށަށް އެރުން އެއީ ސޭލްސް މައްޗަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އޭރުގެ އުމުރާއި މާޙައުލާއި ގެސްޓުންނާ ފޮދުވަރާ ބޮޓޮމްސް އަޕްއާ ޓިޕްސާ އެއްކޮށް، އުޅުމާއި މުޅި ދުވަހާ ރެޔެއްގެ ބައެއް ނިމިގެން ދިއުން އެއީ ވަޒީފާއާ އޯނަރުންނާ ހިތްހަމަޖެހުމާ ދިރިއުޅުމެވެ. އެއީ ޓުއަރިޒަމް ފެށިގެން އައި ގޮތެވެ.

ވެރީންނަކީވެސް ގާތް ބައެކެވެ ސޭލްސް މަތިކުރުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ރިސޯޓުތައް ފެށިގެން އައި ދުވަސްވަރެވެ.
އޭގެ ފަހުން 1983 ގައި ޕިޓް ޕިޓާސަން ކިޔާ ފަރަންސޭސި މީހަކު ރިހިވެލި ނެގުން ވެގެން ދިޔައީ ކަނިފިނޮޅު ނިމުމާ ރިހިވެލީގެ މަސައްކަތް ފެށުން ކަމުގައެވެ.

އާއްމުކޮށް މާލޭގެ އޮފީހުން ކުރާ ހުރިހާ މަސައްކަތެއް ވިޔަފާރި، އޮފީސްތަކުން، އެއަރޕޯޓް، ކަސްޓަމް، މިހެން ގޮސް އެންމެން ދަންނަނީ ރިހިވެލި ޙަނީފްގެ ނަމުންނެވެ. ގާތްކަނޑަކަށް ހަފުތާޔަކު 5/4 ދުވަސްވަރު މާލެ އާދެވިފަ ހުންނާނެ، މާލެ އޮފީހަކީ މަށާ މަގޭ ބްރީފްކޭސް، އޭގަ ހުންނާނީ ފައިސާވެސް ޕިޓް (އޯނަރު) ސޮއިކޮށްފައި އޮންނަ ޗެކްފޮތް ވެސް ދެން އެ ދުވަހެއްގެ ކަސްޓަމްވިޔަސް އެހެން އިދާރާއެއް ވިޔަސް އެކަމާ އެދުވަހަކާވާ ލިޔެކިއުން އެއީ މަގޭ ބްރީފްކޭސް ރިހިވެލި އޮފީސް، ރިހިވެލި ޙަނީފް ރަނގަޅުތާ! އެއީ އޭރުގެ މަސައްކަތް ރިސޯރޓްގެ ވެރިޔާ ޕީތް ހަމަޖައްސާފަ އޮންނަގޮތެވެ. ވަރަށް ތަފާތު އިންސާނިއްޔަތުކަން ބޮޑު ރަނގަޅު ފަރަންސޭސި ވެރިޔެކެވެ.

ދެން އޮތީ ޕީތް، ރިސޯރޓް މުވައްޒަފުން ދެކޭނީ އެއީ ރިހިވެލި އާއިލާކަމުގައި، މެނޭޖަރަކަށް ހުންނަނީ ޕީތް، ޝެފަކަށް ހުންނާނީ ފްރެންޗް ކައްކާއެއް، އެއީ ފަރަންސޭސި ޓުއަރިސްޓުންނަށް ވަރަށް މުހިއްމު ކަމެއް، މީރުކޮށް މަދު ނުވާވަރަށް، އިސްރާފެއްނެތި ކެއުން ހަމަޖެއްސުން އެއީ ފްރާންސް ކައްކާގެ އެންމެ މުހިއްމުކަންދޭ ކަމަކީ، ބާރގަ ހުންނާނީ ބާރބާ ކިޔާ ފިސާރި ފްރެންޗް މީހެއް، ފަރަންސޭސި މީހުންނަށް އެނގޭވަރަށް ޔޫރަޕްގެ އެއްވެސް ބަޔަކަށް ރަލެއް ނޭންގޭނެ، އޭގެ ސްޓައިލް ދަންނާނީ އެމީހުން، ކޮން ގަޑިއެއްގަ ކޯއްޗެއްތޯ ކިހާވަރަކަށްތޯ، ހަމަ ބޮއެގެން ހަމައިން ނެއްޓިގެނެއް ނޫޅޭނެއެވެ.

ރިހިވެލި އެއީ މުޅި ރަށަށްވެސް ފަރަންސޭސި މެދުފަންތީގެ މީހުން އަންނަ ރަށެކެވެ.

ފަންސާސް ވަރަކަށް ކޮޓަރި، އޭސީއެއް ނުހުންނާނެ، ރިސެޕްޝަންވެސް ހުޅުވާނީ ވަކި ގަޑިތަކެއްގަ، މޫދު ކުޅިވަރުތަކާ އަވީލުމާ އަތިރިމަތީ ކަސްރަތް އެއީ ދުވަހުގެ ގެސްޓުންގެ ހިންހަމަޖެހުމެވެ.

ސައިބޯން ހުންނާނީ ބޯތަށި، އެއީ ފަރަންސޭސި މުސްކުޅިގޮތް، ގަސްކެނޑުން، ފަތް އުކާލުން މަނާވާނެ، އޭރަށް ބަލާއިރު އެއީ މިރާއްޖޭގައި އެފަދަ ސްޓައިލެއްގަ ހިންގި 80 ޕަސެންޓް ރިޕީޓަރސް އަހަރަކު ތިންހަތަރު ފަހަރު އަންނަ މީހުން ތިބޭ، ރޯދަޔަށް ވެލިލާހެން މަށަށް ޖެހޭނެ ގާތް ރިޕީޓަރުން އަންނައިރު ކޮޓަރި މަގަށް ވެލިލާން، އެރައިވަލްސް އަންނައިރު ނަމުން ގޮވަން އެނގޭ ގެސްޓުން ގިނަވާނީ، އަދި ކޮންމެ ދުވަހެއްގެ މުވައްޒަފުންގެ ހަވީރުސައި ގެސްޓުންނަށްވެސް އައިސް ސްޓާފް ކެންޓީނުން ސައިބޮވޭގޮތަށް ހަމަޖެހިފަ އޮންނަ އޮތުން އެއީ ވަރަށް ގެސްޓުންނާ ސްޓާފުންނާ ގާތްކަމާ އިތުބާރާ އަދި ސްޓާފުންގެ ކެއުންބުއިމާ ނިދުން ފެނިގެންދާ ހިތްހަމަޖެހުން އިތުރުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ނުވަދިހައިގެ ކުރީކޮޅު ގެސްޓުން އުފުލަން އެންމެބާރު އެއް ސްޕީޑްބޯޓް ވެސް އޮންނާނީ ރިހިވެލީގައިކަން ފާހަގަކޮށްލި އެވެ. ރިސޯޓްގެ ބައެއް ވާހަކަ ކިޔައިދެމުން ބުނީ ތިމަންނަމެން އެއްދުވަހު ވަރަށް އިރު ތިރިވެފަ ހުއްޓާ ކަސްޓަމްސް އިން 200 ކޭސް ބިއިރާ ލިކާ ބަރުކޮށްގެން ފުރައިގެން ދަމުން ގޮސް އެތެރެވަރީ ފަރަކަށް އަރާ ވަރަށް ބޮޑަށް ދޯނި އަރިވެ، ކަންދިމާކުރި ގޮތުން އެހެން ދެ އޮޑިއެއް ވަރަށް އަވަހަށް އައިސް ކަފުޖަހައިގެން ދަމަން ހިފި ވަގުތާ ވަރަށް ބްރޫ ވަސްގަނޑު ގަދަކަމާ ވަގުތުގެ ގޮތުން ފުން ކުރުމުގެ މަސައްކަތުގެ މުހިއްމުކަމުން އެއީ ފަހުގެ ކަމެއްގެ ގޮތުގައި ދެކި ކަން ނިންމާ ސްޓޯރ ހަރުތަކަށް މުދާ ޖެހުމުން އެނގުނީ އެވަރަށް ބްރޫ ވަސް ހިފާފަ ހުރި ސަބަބު އެވަރު މަސައްކަތެއް ރޭގަނޑު ކުރަމުންދާއިރު ދޯނި ފުންކުރަން އެ ފިނީގަ އެ ދަމާލެވުނު އަވަސް ސްޕީޑަކީ އެކަމުގައި ނިންމާ ހިސާބުން އުނިކޮށް މަސައްކަތުގެ ފިނިމޫސުމީއާވި ކަމުގައި ނިންމާލީއެވެ.

ސުނާމީ އެރި ވާހަކަވެސް ކިޔައިދެމުން މުޅިރަށަށް އުނަގަނޑާހަމަ ދައްކާލާފަ ބުނީ ލޮނުގަނޑު އަރައިގެން ދިޔަކަމަށް، އެއިރަށް ފުލްކޮށް އޮތް ކްރިސްމަސް (ސަންތަބެއްޔާ) ނިއު އިޔަރ އަށް ރަށް ތައްޔާރަށް އޮތް ދުވަސްވަރެވެ. ބައެއް ގެސްޓުން ހުރިހާ ހެދުމެއްވެސް ގެއްލިދިޔަ، ގެސްޓުންގެ އެންމެ ފުރަތަމަ ކަންބޮޑުވުމަކީވެސް އެއަރޕޯޓް އޮތީ ރަނގަޅަށްތޯ ކުރެވުނު ސުވާލު، މުވައްޒަފުންނާ ގެސްޓުން އެކަކު އަނެކަކަށް އެހީތެރިވެ 4 ޝަވަރ ބާރ ކައިރީގައި ހަދާ ފެންވެރުމުގެ ކަންތަކާ، އުނދުން ޖަހާ ކެއުންބުއިމާ އެހެނިހެން ކަންތައް ހަމަމަގަށް އެޅި، ފަރަންސޭސި އެމްބަސީ ވަގުތުން ގުޅާ އެންމެންގެ ޙާލުބަލާ ޗާރޓަރ ފްލައިޓެއް ހަމަޖެހޭނެ ވާހަކަޔާއެކީ ހިތްހަމަޖެހުމެއް ލިބި ހަމަޖެހި، އެންމެންގެ ބުރަ މަސައްކަތުން މަހެއްހާ ދުވަހުން އަނެއްކާވެސް ފުލް އޮޕަރޭޝަންއަށް ގެނެވި ހިންގަން ފެށުނެވެ.

ޕީތް ނަގާފަ ދެން މުޅި މަސައްކަތުގެ ވެރިޔަކަށް ހުންނަނީ ތިމަންނާ ކަމަށާ ކުރަންވީ މަސައްކަތް ވަރަށް ފަސޭހައިން އެނގޭނެކަމާ އެގޮތަށް ރޭވިގެން ކުރިއަށް ދިޔައިމަ މަސައްކަތު މީހުންގެ މައްޗަށް ވެރިވެގަންނަން ނުޖެހޭފަދަ ސިސްޓަމެއް، ޕީތްގެ މެނޭޖަރ ކަމުގެ ސިސްޓަމް އޮންނަ ގޮތް ކިޔައި ދިނެވެ.

ފަހުން 1984 ގައި އާއިލާއާ އެއްކޮށް މާލެ ބަދަލުކޮށް ކިޔެވުމާއި ޞިއްޙީ ކަންތަކާ އާއިލާ ދުރުގަ ތިބެގެން ވާނެ އެއްވެސް މޮޅެއް ނެތުމުން އެގޮތަށް އެކަންކުރަން މަޖުބޫރުވެގެން ދިޔައީ އެވެ. ދެ ހަފްތާއެއްހާ ދުވަހަށް ޔޫރަޕްގެ ފްރާންސް، ޕެރިސް އަދި ސްވިޓްޒަލޭންޑް، އެކި ހިސާބުތަކަށް ބުރުޖަހާލަން ދަތުރެއް ކުރިކަމާ ފްރާސްގެ ހައިފިލް ޓަވަރގެ ވާހަކަޔާ، ސްވިޓްޒަލޭންޑްގެ މައުންޓެން ވެލީގެ ރީތި ވާހަކަ ކިޔައި ދިނެވެ.

ޕީތްގެ ދައުރު ނިންމާލުމުންވެސް ދެއަހަރެއްހާ ދުވަހު މަޑުކުރިކަމާ އެއީ 65 އަހަރުވަންދެން ރަސްމީ ރިޓަޔަރމަންޓް އަކަށް ދާންކަމަށާ، އެގޮތުން 65 އަހަރުވީރޭ 2013 މެއި 14 ގައި މަސައްކަތް ނިންމާލުމާ، ޖެހިގެންއައި ދުވަހު މާލެ އައުމާ، އަނެއްދުވަހު ފުރައިގެން ރަށަށް އައިގޮތަށް މިހުންނަނީ ރަށުގައިކަމަށް ކުރުކޮށް ބުނެލިއެވެ. ވާހަކަ ކިޔައިދެމުން ދިޔައިރު ޙަނީފްބެގެ ދަރިއެއްވެސް ހަނދާންތައް ކުޑަކޮށް ކިޔާލަދިނެވެ. އެގޮތުން ބައްޕަ ދުރަގަ އުޅުނު ދުވަސްވަރު ވަރަށް އިޙުސާސް ވާކަމާ ޗުއްޓީއަށް އަންނަން ކައިރިވީމަ ވަރަށް އިންތިޒާރު ކުރެވޭކަމާ ލައްކަ ހަދިޔާ ލިބޭކަމާ އަދި މަންމައާ އެށްކޮއް ގޭތެރޭ މަސައްކަތުގާ އުޅުމާ ހެދުން އިސްތިރިކޮށް ރެޑީކޮށްފަ ބަހައްޓާ ކަމަށާ، ކޮއްކޮ ބައްޕަގެ ބައިސްކަލް ފޮހެ ރެޑީކޮށްފަ ހުންނަ ކަމާ އެއީ ގަވައިދުން ކުރާ ކަމެކެވެ.

ބައްޕަ ވަރައް ވެސްޓަން ލަވަޔަށް ލޯބިކުރާނެ ހަނދާންހުރޭ ބައްޕަ ޖަހާނެ UB40 ލަވަޔާ ރެގޭ ލަވަ، އޭގެ އަޑު އަވައްޓެރިންނަށް ކުޑަކޮށް އަޑުހަރުވާ މައްސަލަވެސް ދިމާވޭ، އެލަވަތައް އިވިއިވި އަހަރެމެންނަށްވެސް އެއީ ކޮންބައެއްކަމާ އެލަވަތައް ރީތިވީ، ޙަނީފްބެ މުޅިއުމުރު ވަޒީފާ އަދާކުރީ ޔޫރަޕް ވެރިއެއް ކައިރީކަމާ އުޞޫލަކާ ސްޓައިލެއް އަދި ގަޑީގެ މުހިއްމުކަން އެއީ ދިރިއުޅުމާ ގުޅިފައިވާ ރީތި އާދަކަން ފާހަގަކުރެވެ އެވެ.

މިއަދުގެ ޙާލަތުގެ ވާހަކަ ބުނެލީ ކަންބޮޑުވުމާ ހިތްހަމަ ނުޖެހުމާއެކުއެވެ. 35 އަހަރަށްވުރެ ގިނަ ޒަމާނު ވަޒީފާ އަދާކޮށް އެނބުރި ރަށުގައި މުސްކުޅި އުމުރު އަންހެނުންނާ 7 ކުދިންނާ 6 ކާފަ ކުދިން ތިބިކަމާ، ރަށާ އަތޮޅުގައިވެސް 40 އަހަރުގެ މުއްދަތަށްބަލާ ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމާ، ވަޒީފާގެ ގޮތުންވެސް، ވިއްސާރަ ވެހިއްޖިއްޔާ ގެޔަށް ނުވަދެވޭ ފެންގަނޑާހެދި، ގޯތިތެރޭ ކެޔޮގަންޑެއް ހަރުވެ ކާންލިބުން އެއީ ނެއްގޮތެއް ކަމާ ބޭރު އުނދޯލީގައި އިނދެވޭނީ ވަށައިގެން ދުންދަނޑި ޖަހައިގެން، މުދަލާ ލިބޭ އާމްދަނީއަކާ ދިމަލެއްނުވޭ، ބޮޑު އިމާރާތަކާ މެޝިނަރީތައް ހުރި ހޮސްޕިޓަލެއް ނަމުގަ އެބަހުރި، ކަމެއް ދިމާވެއްޖިއްޔާ އާސަންދަ ފޯމް ފުރައިގެން ފުރަން ޖެހެނީ، ބިމުގެ އަގެއް ލިބޭނެ އެއްޗެއްނެތް، ރަށުން ފުރިއިރާ މިއަދާ މާބޮޑު ތަފާތެއްނެތް ކަމަށް ދެމީހުންނަށްވެސް އެއްބަސްވެވުނު މިއަދު ބޯޓުފަހަރު ތޮށިގަނޑާ ކާރިކުރެވޭ ކުރީގެ ދުންބައްތެއްލާގެ ޒަމާން ނިމުން އެއީ ތަފާތެއް ދެ މީހުންނަށްވެސް އެއްބަސްވެވުނު އެއްކަމަކީ، 5 ވަގުތު ބަންގި ގޮވާކަން މިހާރު ލައުޑްސްޕީކަރ ހުންނާތީ ތަންކޮޅެއް އަޑުގަދަވުން ނޫން އެހެން މާތަފާތު ބޮޑު ޒަމާނީ ކުރިއެރުމެއް ނެތް ކަމަށެވެ.

ރާއްޖޭގެ ޓުއަރިޒަމް ދުވަސް ވަރައް ގިނަ އަހަރުތަކު ފާހަގަ ކުރަމުން ދިޔައީ ރިހިވެލިން (މުޅި ހަރަދުހެން) ބޮޑު ހަރަދެއްކޮށްގެންކަމާއި އެކަން މިނިސްޓުރީގެ ޒަމާންވީ މުއަށްޒިފުއްނައް އެނގިލައްވާނެ ކަމައްވެސް ނިންމާލަމުން ހަނީފްބެ ހިނިގަނޑަކާ އެކު ބުނެ ނިންމާލިއެވެ.

މިފަދަ ބޮޑެތި ޤުރުބާނީތައް މި އިންޑަސްޓްރީއަށް ވެފައިތިބި މީހުން 50 އަހަރު ޓުއަރިޒަމަށް ވެގެން ދިޔަ ގޮތް ފާހަގަކުރަމުން ޓީވީ އިން ކިޔަމުން، ދައްކަމުން ދާއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.