Last Updated: April 19, 06:55
Friday, April 19, 2024
ޚަބަރު

ބާއްޖަވެރިކަން މާއްދީއްޔަތުން ޙާސިލެއް ނުވާނެ

ހަޤީޤީ ބާއްޖަވެރި ކަމަކީ އަޅާ ﷲ އަށް އީމާންވެ الله سبحانه وتعالى އެންގެވި ގޮތް އިޚްތިޔާރުކޮށް އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެރިވުމުން، الله سبحانه وتعالى އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުޢޫރެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް މާއްދީ ގޮތުން ޙާސިލުވެވޭނެ އެއްޗެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެއެވެ.

މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައި ވަނީ ހަޤީޤީ ބާއްޖަވެރިކަން މި މައުޟޫއަށެވެ. މާލޭގެ އިސްލާމީ މަރުކަޒުގައި މިއަދު ހުކުރު ނަމާދުކުރެއްވީ ދިނީ ޢިލްމުވެރިޔާ މުފްތީ މެންކް އެވެ.

މިއަދުގެ ޚުޠުބާގައި ބުނީ ދުނިޔޭގައި ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދަން ކަމަށާއި އުފާވެރިކަމާއި ބާއްޖަވެރި ކަމަކީ އަގުދީފައި ގަނެވޭނެ އެއްޗެއް ކަމުގައިވީނަމަ އެކަން ކުރާނެކަން ކަށަވަރުކަމަށް ބަޔާންކުރައްވާފައިވެ އެވެ. އެހެންކަމުން ބާއްޖަވެރިކަން ދަނެގަންނާނެ ގޮތަށް ޚުޠުބާގައިވަނީ އަލިއަޅުވާލައްވާފައެވެ. އަދި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ހަދީޘްފުޅުތަކުން ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހޯދޭނެ ގޮތްތައް ވަނީ ބަޔާންކުރައްވާފައެވެ.

ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަންކަމަށާއި މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި ބުރަ މަސައްކަތްކުރަނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އަދި ބާއްޖަވެރިކަން ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި ގަދަ ކީރިތިވަންތަ الله سبحانه وتعالى ހަނދުމަކުރަންވެސް ހަނދާނެއް ނުހުންނަކަމަށް ޚުޠުބާގައި ބުންޏެވެ.

އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސް ނަމާދުގެ މަތިން ވެސް ހަނދާން ނުހުންނަކަމާއި އެއީ މާތް ﷲ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ އަޅުކަންކަމަށް މިއަދުގެ ޚުތުބާގައިވެއެވެ. އެހެންކަމުން ނަމާދަށް ރައްކާތެރިނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރިނަމަވެސް ބާއްޖަވެރިކަން ނުލިބޭނެކަން ޚުޠުބާގައި ބަޔާންކޮށްފައިވެ އެވެ.

ޚުޠުބާގައި ވަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސްކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެ ގަތުމަށް އެންމެހައި މުސްލުމުންނަށް ވަޞިއްޔަތްކޮށް ނަސޭޙަތްތެރިވެފަ އެވެ.