Last Updated: March 29, 16:28
Friday, March 29, 2024
ވިޔަފާރި

ޓާޓާ އިން އަސްކަރީ މަތިންދާބޯޓް އުފައްދަނީ

އިންޑިއާގެ މަޝްހޫރު ޓާޓާ ގްރޫޕުން އަލަށް އަސްކަރީ މަތިންދާބޯޓް އުފައްދަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އެ ގައުމުގައި މުޅިން އަލަށް ޕްރައިވެޓް ކުންފުންޏަކުން ފަށާ މި ޕްރޮޖެކްޓްގެ ދަށުން ޓާޓާ އިން އިންޑިއާގެ އަސްކަރިއްޔާ އަށް ބޭނުންވާ މަތިންދާބޯޓް އުފައްދަން ނިންމާފައިވާ ކަމަށެވެ. އަދި މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ޔޫރަޕްގެ އެއާބަސްއާ ގުޅިގެންނެވެ. ޓާޓާ އާއި އެއާބަސް ގުޅިގެން އިންޑިއާގައި އުފައްފަން ނިންމާފައި ވަނީ ސީ-295 މަރުކާގެ ބޯޓްތަކެވެ.

އިންޑިއާގެ ގުޖުރާތުގައި ސްޓޭޓްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއު އަންނަ އާދީއްތަ ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް ލޯންޗްކޮށް ދެއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ޓާޓާ އާއި އެއާބަސް ގުޅިގެން އަސްކަރީ މަތިންދާބޯޓް އުފައްދަން ކުރިއަށް ގެންދާ މަޝްރޫއަކީ 219 ބިލިއަން ރުޕީސް (2 ބިލިއަން ޑޮލަރު) ގެ ޕްރޮޖެކްޓެކެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްފައި ބުނީ އެ ގައުމުގައި މުޅިން އަލަށް ޕްރައިވެޓް ކުންފުންޏަކުން އަސްކަރީ މަތިންދާބޯޓް އުފައްދަން ފެށުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށާއި މީގެ ސަބަބުން އިންޑިއާގެ ޕްރައިވެޓް ސެކްޓަރަށް ބޮޑު ކުރިއެރުމެއް ވެސް އަންނާނެ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި ޓާޓާ އިން އުފައްދައި 2026 ގެ ސެޕްޓެމްބަރުގައި ބޭނުންކުރަން ފަށާ އުޅަނދުތަކާ އެކީ، އިންޑިއާގެ އަސްކަރިއްޔާގެ މިހާރުގެ ފްލީޓް އާ ކުރެވޭނެ އެވެ.

ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުފަހަރު އާންމުކޮށް ގައުމުން ބޭރުން އެތެރެކުރާ އިންޑިއާގައި މިހާތަނަށް އަސްކަރީ މަތިންދާބޯޑް އުފައްދަމުން އައިސްފައި ވަނީ ސަރުކާރުގެ ކުންފުނި ހިންދުސްތާން އެއޮރޮނޯޓިކްސް އިންނެވެ. އިންޑިއާ އިން މިހާތަނަށް އަސްކަރީ ސާމާނު އެންމެ ގިނައިން އެތެރެކުރަނީ ރަޝިއާއިންނެވެ.