Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޤުރުއާނާ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއް

ކީރިތި ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއް ކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.

ގެރޭ ކާނިވާ ސަރަޙައްދުގައި "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" މައުޟޫ އަށް ބޭއްވި ދަރުސްގައި އޭނާ ވިދާޅުވީ ދުވާލަކު ފަސް މިނިޓް ޤުރުއާން ކިޔަވާ، ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅުނަމަ އެމީހަކީ އުފާވެރި މީހެއްކަ މަށެވެ. މާޔޫސްކަމާއި، ހާސްކަމާއި، ފިކުރުބޮޑުވުމުގެ މައްޗަށް ހުކުރުދުވަހުގެ ރޭ އަލިއަޅުވާލައްވަމުން މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނާ ހައްދަވައި ހަމައެކަނި ދޫކޮށްލެއްވީ ނޫންކަމަށާއި އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެކަމަށެވެ. އަދި އެލާނގެއީ އިންސާނާގެ މައިންބަފައިންނަށް ވުރެ ވެސް ބޮޑަށް އެ އިންސާނާ ދެކެ ލޯބިވާ ރަސްކަލާނގެ ކަމަށް ވިދާޅުވި އެވެ.

މާތްﷲ އިންސާނުންނަށް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމާއި ނުކުރުމަށް އަންގާވާފައިވާ ކަންކަމަކީ އިންސާނާއަށް އެކަމުގައި ހެވާއި ލާބަ ހިމެނޭކަންކަން ކަމަށް ވިދާޅުވިއެވެ. އަދި ދުޢާކުރިކަމުގައިވިޔަސް، އެ ދުޢާ ވަގުތުން އިޖާބަ ނުކުރެއްވުމުގައިވެސް ޙިކުމަތްތަކެއްވާކަން ފާހަގަކުރެއްވި އެވެ.

މާޔޫސްކަމާއި ކަންބޮޑުވުމާއި ހާސްވެ ފިކުރުބޮޑުވުމަކީ އިންސާނަކަށްވާތީ ވާނެކަމެއްކަމަށާއި އެހެންނަމަވެސް އެހުރިހާ ކަމެއް މާތްﷲ ވަނީ ވަކި ގޮތަކަށް ކަނޑައަޅުއްވާފައި ކަމަށް ވިދާޅުވި އެވެ.

މާތް ﷲގެ އިރާދަފުޅުންވާން ހުންނަ ކަމެއް ނޭނގޭނެކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނުންނަށް ކޮންމެ ކަމެއްވެސް ލައްވަވާފައިވަނީ އެކަމުގައި ޙިކުމަތްތަކެއް ހުރުމުންކަމަށެވެ. އެގޮތުން އިންސާނާއަށް ކެއުމާއި، ބުއިމާއި، ނިދުން ލައްވާފައިވާ އިރު އެ ކަންކަމަށް ވެސް ވަކި ވަގުތުތަކެއް ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ. ކެއުމާއި ނިދުމުގައި ވަކި ހަމަތަކެއް މާތްﷲ ލައްވާފައި ވަނީ އިންސާނާ އަށް އެކަމުގައި ލާބައާއި މަންފާ އެކުލެވިފައިވާތީ ކަމަށް ވިދާޅުވި އެވެ.

ފިކުރުބޮޑުވެގެން، މާޔޫސްވެ ކަންބޮޑުވާ މީހާއަށް އެކަންކަން ދިމާވަނީ އެއީ އީމާންތެރިކަން ބަލިކަށިވެގެން ނޫންކަމަށާއި އެކި މީހުންނަށް މާތްﷲ ކެތްތެރިކަން ލައްވާފައިވަނީ އެކި މިންވަރަށް ކަމަށް ވިދާޅުވި އެވެ. އަދި އެކި މީހުން ތަޙައްމަލްކުރާނީ އެކި ކަންކަންކަންކަމަށާއި މިއިން ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ޙިކުމަތެއްވާކަން މުފްތީ މެންކް ފާހަގަކުރެއްވި އެވެ. އެފަދަ ކޮންމެކަމަށް ހެޔޮ ދަރުމައާއި ސަވާބު ލިބިގެންދާނެ ކަމަށް ވެސް މުފްތީ މެންކް ވިދާޅުވި އެވެ.

މި ދަރުސްގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކުން މިސާލު ނަންގަވައި ހާސްވުމާއި ކަންބޮޑުވުމަށް ކުރެވޭނެކަން ކަމަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން ކަންބޮޑުވެ، ހާސްވެ ދެރަވާ ވަގުތު ކިޔުމަށް ވާރިދުވެފައިވާ ދުޢާތައްވާކަން ފާހަގަކުރައްވާ އެ ދުޢާތަކާއި އެ ދުޢާތަކުގެ މާނަ ތަފްސީލީ ގޮތެއްގައި ކިޔައިދެއް ވިއެވެ.

ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެއްގެ ގޮތުގައި، ހެނދުނު ތެދުވަން އުނދަގޫ ހާލަތްތައް ދިމާވުމުން، ގަދަކަމުން ނަމަވެސް ތެދުވުމުގެ މުހިންމުކަމާއި އެންމެ ފުރަތަމަވެސް ފަތިސް ނަމާދުން މުސްލިމުންގެ ދުވަސް ފަށަނީ ކީއްވެގެންކަން އަދި އެކަމުގައިވާ ފައިދާތަކަށް ބައްލަވައިލެއްވިއެވެ. ހެނދުނު ހޭލައިގެން އެ ކަންނެތްކަމުން ގަދަކަމުންނަމަވެސް ތެދުވާން މަސައްކަތްކުރުމަށް މުފްތީ މެންކް މި ދަރުސްގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އެގޮތަށް މަސައްކަތްކުރަން ފެށުމުން މާތްﷲ އެކަމަށް ހިދާޔަތްދެއްވާކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއިއެކު މާތްﷲ ގެ ކިބައިން ކަންނެތްކަމުން ދުރުކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މުޖުތަމަޢުއަށް މުފްތީ ދެއްވި މެސެޖަކީ މިފަދައިން ދިރިއުޅުން ވޭތުކުރާ މީހުންނަށް ވެވުނު މިންވަރަކުން އެހީތެރިވުމުގެ މެސެޖެވެ. އަދި އެހީ އަށް ބޭނުންވާ މީހުން އެހީއަށް އެދުމުގެ މުހިންމު ކަމެވެ.

މުފްތީ މެންކްގެ މި ދަރުސްގައި ބެލެނިވެރިންނަށް ވެސް ވަނީ ވަރަށް ފުރިހަމަ މެސެޖެއް ދެއްވި އެވެ. އާންމުކޮށް ދަރިންގެ ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވާ ދަނޑިވަޅުތަކުގައި ބެލެނިވެރިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މުފްތީ މެންކް ދެއްވީ ނަސޭހަތަކީ ދަރިން ދައްކާވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށެވެ. އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށެވެ. މިފަދައިން ދިރިއުޅުމުގެ ކަންކަމުގައި ވެސް ލަފަ އާއި މަޝްވަރާ ހޯދުމަށް އެދިވަޑައިގެންނެވި އެވެ.

މި ފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުންނާއި ކުޑަކުދިން އަމިއްލައަށް މަރުވާ ކަމަށާއި އެކަހަލަ ކަންކަން ދިމާވުމުގައި ބެލެނެވެރިންނަށް އެކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭކަން ފާހަގަކުރައްވާ، ބެލެނެވެރިންނަށް ވަނީ ވަކިން ޙާއްސަކޮށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ދަރިންނަށް ބޭނުންވާ މަޢުލޫމާތުދީ ނުވަތަ އެކުދިންގެ ބޭނުންތައް މައިންބަފައިންނަށް އަދާނުކުރެވިއްޖެ ނަމަ އެކުދިން ގޯސްމަގަކުން ދާން ފަށާފާނެކަމަށާއި މިފަދަ ހާލަތެއްގައި މައިންބަފައިންނަށް އެކުއްޖާއަށް އެހީތެރިނުވެވިއްޖެ ނަމަ އެ ކުއްޖަކާ އެންމެ ގާތްބަޔަކު، ނުވަތަ އާއިލާއިން އެކުއްޖާގެ ކަންތައް ގާތުން ބަލައި ރަގަޅަށް އެކުއްޖާއާއިމެދު ރަނގަޅަށް އަމަލުތައް ބަހައްޓަން ޖެހޭކަ މަށް ވިދާޅުވި އެވެ.

ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެކި ކަންކަމަށް ޚާއްސަކޮށް ވާރިދުވެފައިވާ ދުޢާތައް ހިތުދަސްކޮށް އެ ދުޢާތައް އަބަދުވެސް ކިޔައި އެކަމުން ބަރާކާތް ލިބިގަންނަން މި ދަރުސްގައިވަނީ އެދިވަޑައިގެންފައެވެ. އެއީ އެމީހާގެ ރޫހަށް ލިބިގެންދާ ކާނާކަމަށާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މުފްތީ މެންކް ވިދާޅުވި އެވެ.

މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ ކަންބޮޑުވާ ހާލަތްތައް ދިމާވެއްޖެ ނަމަ މާތްﷲ އަށް ދެންނެވުމަށް ނަސޭހަތްތެރިވެވަޑައިގެން، ރަސޫލު ބޭކަލުންނަށް ދިމާވި މިފަދަ ހިތްދަތި ދުވަސްތަކަށް ބައްލަވާލައްވާ މިސާލު ދެއްކެވި އެވެ.

ހިތާމައިގެ ޙާލަތްތަކުގައި މާތްﷲއާ އޮންނަ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދެރަވެފައި ހުއްޓަސް ނަމާދު ގާއިމްކުރުމަށް މުފްތީ މެންކް ވަނީ އެދިވަޑައިގަތެވެ.