Last Updated: March 28, 14:17
Thursday, March 28, 2024
ދުނިޔެ

"އެންމެ ދެމަހެއްޓެނިވި" އިމާރާތް ސިންގަޕޫރަށް

އޭޝިއާގައި މިހާތަނަށް ހަދާ "އެންމެ ދެމަހެއްޓެނިވި" އުސް އިމާރާތުގެ ގޮތުގައި ސިފަކުރާ އިމާރާތުގެ ކުރެހުން ސިންގަޕޫރުން ދައްކާލައިފި އެވެ.

އުސް މިނުގައި 300 މީޓަރު (984 ފޫޓް) ހުންނާނެ މި އިމާރާތަށް ދީފައިވާ ނަމަކީ "8 ޝޭންޓަން ވޭ" އެވެެ. މިއީ އޮފީހާއި ހޮޓަލާއި ލަގްޒަރީ އެޕާޓްމަންޓްތައް ވެސް ހިމެނޭ 63 ބުރީގެ އިމާރާތެކެވެ. ޖުމްލަ 1.6 މިލިއަން އަކަފޫޓްގެ ބިމެއްގައި ތަރައްގީކުރާ އިމާރާތް ހެދުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެތަން ނިންމަން ހަމަޖެހިފައި ވަނީ 2028 އަށެވެ.

"8 ޝޭންޓަން ވޭ" ފަރުމާކުރީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ހަލީފާ ވެސް ޑިޒައިންކުރި ކުރި އެމެރިކާގެ ކުންފުނި ސްކިޑްމޯ، އޯވިންސް އެންޑް މެރިސްލް (އެސްއޯއެމް) އިންނެވެ. އެ ކުންފުނިން ސިންގަޕޫރަށް ޑިޒައިންކުރި އުސް އިމާރާތް އޭޝިއާގެ އެންމެ "ސަސްޓައިނަބަލް" އިމާރާތުގައި ސިފަކޮށް ބުނީ މިއީ ފެހިކަން ގަދަ މާހައުލެއް ފެނިގެން ދާނެ ތަނެއް ކަމަށެވެ. އެގޮތުން އިމާރާތް ހަދާ ސަރަހައްދުގެ 107،000 އަކަފޫޓް ހާއްސަކޮށްފައި ވަނީ ފެހިކަން އިތުރުކުރުމަށްޓަކަ އެވެ. ހާއްސަކޮށް ދޫނިތަކާއި ކޮކާ ކަހަލަ ސޫފިތަކުގެ މާހައުލެއްގެ ގޮތުގަ އެވެ.

"ވެއްޓާ ރައްޓެހި، އާންމު ސިއްހަތަށް ވެސް ވަރަށް އެކަށީގެންވާ ހިތްފަސޭހަ ތަނަކަށް އެއިޓް ޝޭންޓަން ވޭ އިމާރާތް ހުންނަ ތަން ވެގެން ދާނެ." މި އިމާތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި އެސްއޯއެމްގެ މައި ޑިޒައިނަރު ނިކް މެޑްރާނޯ ވިދާޅުވި އެވެ.

"8 ޝޭންޓަން ވޭ" ހަދަން ނިންމާފައި ވަނީ ސިންގަޕޫރްގެ އައިކޮނިކް އިމާރާތެއް ކަމަށްވާ ސިލިންޑަރެއްގެ ބައްޓަމަށް 1986 ގައި ހުޅުވި "އަޒާ" ޓަވަރު ހުރި ތާނގަ އެވެ. އާ އިމާރާތް ހަދަން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސިންގަޕޫރްގައި މި ވަގުތު ހުރި އެންމެ އުސް އިމާރާތަކީ 2018 ގައި ނިންމި 280 މީޓަރުގެ ގުއޯކޯ ޓަވަރެވެ.