Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ލޮތާރީގައި ޒުވާން ޓީމެއް، އަމާޒަކީ ހަމަ ތަށި

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ފުރަތަމަ މެޗަށް މީދު އަށް ނިސްބަތްވާ ކްލަބު ލޮތާރި ނިކުންނަނީ ޒުވާން ޓީމަކާ އެކީ މުބާރާތުގެ ސީދާ ތަށި ހޯދަން ކަމަށް އެ ޓީމުގެ މެނޭޖަރު މުހައްމަދު އައްޔޫބު (އައްޔު) ބުނެފި އެވެ.

މުބާރާތުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އޭނާ ބުނީ މި މުބާރާތަށް ކްލަބު ލޮތާރި ނުކުންނަ އިރު އޮތް އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ޓީމުގައި ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިން ތިބި ކަމަށެވެ. އެގޮތުން ރައްޔު، ސަހައްޕޭ، އަދި ގުއްސީ ފަދަ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އައްޔޫ ބުންޏެވެ.

އޭނާ ބުނީ މި މުބާރާތާއި ކުރިމަތިލާ އިރު އޮތް އެންމެ ބޮޑު އުއްމީދަކީ ނިމިގެން ދިޔަ ރިސޯޓު ލީގުގެ ބ. ޒޯންގެ "ކިންގް އޮފް ދަ ޓޯނަމެންޓް" ސޮބާހު ޓީމުގައި ހިމެނުމެވެ. އަދި ޒުވާން ޓީމާއިގެން ކެޕްޓަނެއްގެ ގޮތުގައި މި ފަހަރު ނިކުންނަ އައްސަދު، އަސޯ އަކީ ވެސް ނިމިގެން ދިޔަ ރިސޯޓު ލީގުގައި ވިދާލި ހުނަރުވެރި ކުޅުންތެރިއެކެވެ.

ކްލަބު ލޮތާރި އަށް މިފަހަރުގެ މުބާރާތަކީ އެ ޓީމު މި ގޮތަށް ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ. ނަމަވެސް ޓީމުގެ ގިނަ ކުޅުންތެރިންނަކީ ފާއިތުވި 5 އަހަރު އެކުގައި ކުޅެ ކާމިޔާބު ހޯދާފައިވާ ކުޅުންތެރިންނަށް ވުމުން ކުޅުންތެރިންގެ މެދުގައި އެ އިތުބާރު އެބަ އޮތެވެ.

ލޮތާރި ޓީމުގެ ކޯޗު އަހުމަދު ރަޝީދު ބުނީ މުބާރާތަށް ޓީމު ތައްޔާރު ވަމުން އަންނަތާ ދޮޅު މަސްވެފައިވާ އިރު ޓީމުގެ އެއް ކުޅުންތެރިން ފިޔަވައި ތެންތިބި ހުރިހާ ކުޅުންތެރިންވެ ސް ފިޓް ކަމަށެވެ. އަދި އެއީ ބޮޑު ހިތް ހަަމަޖެހުމެއް ކަމަށެވެ.

މުބާރާތުގެ އިއްޔެ ބޭއްވި އެންމެ ފަހުގެ ފަރިތަ ކުރުންތަކަށް ފަހު ކޯޝު ބުނީ މިއަދުގެ މެޗު ނެގުމަކީ މުބާރާތުން ކުރިއަށް ދިއުމަށް އެންމެ މުހިއްމު މަސައްކަތަ ކަަށެވެ. އެހެންވެ ފޭދޫ ޓީމާ ދެކޮޅަށް މިއަދު ނިކުންނާނީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދުމަށް ކަމަށެވެ.

ކްލަބު ލޮތާރި ހިމެނެނީ ފޭދޫ ސްޕޯޓްސް ކްލަބް އާއި އެފްސީ ބޭރު މަތި އާއި އެކު ގްރޫޕް އޭ ގަ އެވެ.

މި މުބާރާތުގައި ވާދަ ކުރަނީ ޖުމްލަ ހަތް ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމް އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.
ގްރޫޕް އޭގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި އެފްސީ ބޭރުމަތީގެ އިތުރުން ލޮތާރި އެވެ. ބީ ގްރޫޕްގެ ޓީމްތަކަކީ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މި ފަހަރު ވަނީ 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ. ރުފިޔާ ހުށަހަޅައިފަ އެވެ.

މުބާރާތުގެ ހުރިހާ މެޗެއް "އައްޑޫ ލައިވް" ގެ ފޭސްބުކް މެދުވެރިކޮށް ލައިވްކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.