Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މުފްތީ މެންކްގެ ދަރުސް އައްޑޫ ހައި ސްކޫލްގައި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، މުފްތީ މާދަމާ ރޭ އައްޑޫގައި ދަރުސް ދެއްވާނީ އަައްޑޫ ހައި ސްކޫލްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކުރިން އައްޑޫ ދަރުސް ބާއްވަން ނިންމާފައި އޮތީ ހިތަދޫ ސިޓީ ސްކެއާގަ އެވެ. ނަމަވެސް އެ ތަނުގެ ބަދަލުގައި އައްޑޫ ހައި ސްކޫލްގެ ހޯލްގައި ދަރުސް ބާއްވަން ނިންމީ މި ދުވަސްކޮޅު ވިއްސާރުވުމާ ގުޅިގެންނެވެ.

ޒިމްބާބުގެވޭގެ ދީނީ އިލްމުވެރިޔާ، އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަރުސް ޓުއާގެ ތެރެއިން ރޭ ވަނީ މާލޭގައި ދަރުސް ދެއްވައިފަ އެވެ. މި ރޭ ދަަރުސް ދެއްވާނީ ފުވައްމުލަކުގަ އެވެ. އެ ސިޓީގެ ހާފިޒު އަހުމަދު ސްކޫލުގައި މިރޭ 8:45 ގައި ފަށާ ދަރުހުގެ މައުޟޫ އަކީ "އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން" އެވެ.

އައްޑޫގައި މެންކް ދަރުސް ދެއްވާނީ "އުފެއްދުންތެރި މުސްލިމާ" މި މައުޟޫއަށެވެ. މެންކް ރޭ މާލޭގައި ދަރުސް ދެއްވީ" ޑިޕްރެޝަން، އެންޒައެޓީ އަދި ސްޓްރެސް" މައުޟޫއަށެވެ.

ކުރިން ވެސް ރާއްޖޭގެ ދަރުސްތަކެއް ދެއްވާފައިވާ މެންކްގެ މި ފަހަރުގެ ދަރުސް ޓުއާގެ ތެރެއިން ފަހު ދަރުސް މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނާނީ ހުޅުމާލޭގަ އެވެ.