އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބައެއްކަމުގައިވުމަށް މުފްތީ މެންކް އެދިވަޑައިގެންފި އެވެ.
މުފްތީ މެންކް މިކަމަށް އެދިވަޑައިގަތީ ރޭ ފުވައްމުލަކުގައި ބޭއްވި ދަރުސްގައި، އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން، މި މައުޟޫއަށް ތަޤްރީރުކުރައްވަމުންނެވެ.
މުފްތީ މެންކް ވިދާޅުވީ މި ޒަމާނުގައި އަމިއްލަ އާއިލާއާއިއެކު އުޅުމަށްވެސް ގިނަ ބަޔަކު ނުރުހޭކަމަށާއި އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިޙްސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީ ކަމަށެވެ. އެހެންކަމުން ތިމާއަކީ އެފަދަ މުޖުތަމަޢު ބަދަލުކޮށްލަދޭނެ، އަދި އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، އަޅާލުމާއި ލޯބި ލިބިގެންދާނެ މުޖުތަމައަކަށް ވެގެންދާނެ ކަމަށެވެ. އަދި އެފަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.
އިސްލާމްދީނުގައި މިކަންކަން ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި އަންގާވާފައިވާކަން ބަޔާންކުރައްވަމުން، ދީނު ގެމަތީގައި ސާބިތުވެ ތިބުމަށް ވަނީ އިރުޝާދު ދެއްވާފަ އެވެ.
ފުވައްމުލައް ސިޓީގައި މުފްތީ މެންކް ދެއްވި ދަރުސްގެ ތެރެއިން#MuftiMenkMv2022 pic.twitter.com/wuwUZnTtFQ
— Ministry of Islamic Affairs (@MVIaffairs) October 29, 2022
މުސްލިމުންނަކީ މާތްﷲ ފިޔަވައި އިތުރު ފަރާތަކަށް އަޅުކަން ކުރުން ހައްޤުވެގެން ނުވާކަމަށް ހިތާއި ދުލުން ޤަބޫލުކުރާބަޔަކަށްވާއިރު އިސްލާމްދީނުގެ ރުކުންތަކުން އެންމެ ފުރަތަމަ ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައިން އެނގިގެންދަނީ އެކަން ކަމަށް ވިދާޅުވެ ޝަހާދަތުގެ ދެކަލިމައިގެ މާނަ ތަފްސީލާއިއެކު ކިޔައިދެއްވި އެވެ.
އިސްލާމްދީނަކީ ވަކި ރުކުންތަކެއްގެ މައްޗަށް ބިނާވާ ދީނެއްކަން ފާހަގަކުރައްވާ އެ ރުކުންތަކަށް ތަފްސީލުކޮށް މި ދަރުސްގައިވަނީ ބައްލަވާލައްވާފަ އެވެ.
އެގޮތުން ނަމާދުކުރުމުގައި ހުޝޫޢަތްތެރިވުމާއި މާތްﷲއަށް ކިޔަމަންތެރިކަމާއިއެކު ނަމާދުކުރުމަކީ އެމީހަކަށް ބާއްޖަވެރިކަން ލިބިގެންދާނެ ކަމެއް ކަމަށާއި އެހެންނަމަވެސް އެމީހަކު އެއީ ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ހަމައެކަނި ކަމަކަށް ކުރާކަމެއްނަމަ އެކަމުގައި އެއްވެސް ބަރަކާތެއް ނުވާނެކަމަށް ވިދާޅުވި އެވެ. ހަމައެފަދައިން ޒަކާތަކީ އޯގާތެރިކަމާއި ގުޅިފައިވާ އީމާންތެރިކަމުގެ ތަނބުކަން ފާހަގަކުރެއްވި އެވެ.
މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާ ކަމަށެވެ.
އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވި އެވެ.