Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އައްޑޫ ނޭޗާ ޕާކްގެ ހާލަތާ މެދު ކަންބޮޑުވުން!

އައްޑޫ ނޭޗާ ޕާކްގެ ހާލަތާ މެދު ކައުންސިލަރަކު ކަންބޮޑުވުން ފާޅުކޮށް އެތަނުގެ ހާލަތަށް ޒިންމާވާނީ ކޮން ފަރާތަކުންތޯ ސުވާލު އުފައްދަވައިފި އެވެ.

ހިތަދޫގެ ނޭޗާ ޕާކް އޮތް މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު މިއަދު ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޭޗާ ޕާކޭ ކިޔާފައި ހަދާފައި އޮތް ތަން ފެންނަނީ ކުނިގޮނޑެންހެން ކަމަށެވެ. އަދި އެތަން އެކަށީގެންވާ ގޮތަށް ނުބަހައްޓާތީ ތަނުގައި ހިޔާކޮށްފައި ހުރި ތަންކޮޅެއް ހުރި ނަމަ އެތަނަކުން ވެހެނީ ވާރޭ ކަމަށާއި ލިޔެކިޔުމެއް ވެސް ރައްކާކުރެވޭނެ ފަދަ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި ތަނުގައި ލަކުނޑިން ހަދާފައި ހުރި ހުރިހާ ތަނެއް ފީވެ، އެތަންތަން ހުރީ ވެއްޓެން ގާތްވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ނޭޗާ ޕާކްގެ ހާލަތު މި ގޮތަށް ދޫކޮށްލުމަކީ އައްޑޫ ރައްޔިތުންނަށް ދެވޭ އަދި ވަކިން ހާއްސަކޮށް މޫލެކެޑެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އޭނާ ވިދާޅުވީ ނޭޗާ ޕާކޭ ކިޔާފައި ގޮނޑެއްހެން އޮތް ތަނަކަށް ވުރެ އެ ސަރަހައްދު ކުރިން އޮތް ގޮތަށް ރައްޔިތުން ކާއްޓާއި ދަރުން ހޮވަން ހާއްސަ ތަނެއްގެ ގޮތުގައި ހަމަޖައްސާފައި އޮތުން ވެސް މާ ރަނގަޅެވެ.

ތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ރައީސް އޮފީސް އޮފީސް ވެސް ޓެގްކޮށް ސައީދުގެ ޕޯސްޓް ނިންމަވާލައްވާފައި އޮތީ "މިކަމުގެ ޒިންމާ ނަގާނީ ކޮން ބައެއްތޯ" އައްސަވައިފަ އެވެ.

އައްޑޫ ނޭޗާ ޕާކަކަކީ އައްޑޫގައި ހިމާޔަތްކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭ ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ހުރި ގުދުރަތީ ހާއްސަކަން ދަމަހައްޓައި އެތަނުގެ ސަބަބުން އައްޑޫގެ އިގުސާދަށް ވެސް ކުރިއެރުބް ހޯދައިދޭން ތަރައްގީކޮށްފައިވާ ތަނެކެވެ.

ދާދި ފަހުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޑު އަށް ކުރެއްވި ދަތުރުގައި ނޭޗާ ޕާކަށް ޒިޔާރަތްކުރެއްވި އެވެ.