Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ހުޅުމީދޫން 27 ފްލެޓަށް އަލުން ހުޅުވާލައިފި

އައްޑޫ ހުޅުމީދޫގައި ހަދާފައިވާ ފްލެޓްތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ހުޅުމީދޫގައި ހަދާފައިވާ 48 ފްލެޓްގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނޭ 27 ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވައިލީ ކުރިން އިއުލާންކުރި އިރު އަމަލުކުރަމުން އައި އުސޫލު ހައުސިން މިނިސްޓްރީގެ ލަފާގެ މަތިން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އެހެންވެ ކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ފޯމްތައް ބާތިލްކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އޭ ކެޓަގަރީގެ 27 ފްލެޓް ހާއްސަކޮށްފައި ވަނީ ހުޅުދު އާއި މީދޫ ރައްޔިތުންނަށެވެ. މި ފްލެޓްތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފޯމު ދޫކޮށް ބަލައިގަންނާނީ ހުޅުދު އާއި މީދޫ އަވަށު އޮފީހުންނެވެ. ދެ އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށެވެ.

ހުޅުމީދޫގައި ހަދާފައިވާ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކެވެ. މި ފްލެޓްތައް ދޫނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އިރު، ހިތަދޫގައި އޭރު ހެދި 264 ފްލެޓް ދޫކޮށް ނިންމައި، އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

ހުޅުމީދޫ ފްލެޓަށް އަލުން ހުޅުވާލި އިރު، އެންމެ ފަހުން މި ފްލެޓްތަކަށް ކުރިމަތިލާން ހުޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ 27 ގަ އެވެ. އޭރު އޭ އަދި ބީ ކެޓަގަރީގައި ހިމެނޭ 37 ފްލެޓަށް ކުރިމަތިލާން ހުޅުވާލި އެވެ. އަދި ސުންގަޑި ހަމަވި އިރު 59 ފަރާތަކުން ފްލެޓަށް ކުރިމަތިލި އެވެ.