Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އުފެއްދުންތެރިވާން ފަތިސް ނަމާދުން ދުވަސް ފަށާ

އުފެއްދުންތެރި މުސްލިކަމަށް ވާން ބޭނުންނަމަ އެންމެ ފުރަތަމަ ވެސް ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް އިލްތިމާސްކޮށްފި އެވެ.

އައްޑޫގައި ރޭ ބޭއްވި ދަރުސްގައި އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް އަލިޅުއްވާލައްވަމުން މުފްތީ މެންކް ވިދާޅުވީ ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައި ވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މިގޮތަށް ޢަމަލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަމުން މާތްﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭ ކަމަށް ވިދާޅުވި އެވެ.

ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްތެރިވަމުން މުފްތީ ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ނަމާދަކީ ދުނިޔެ އާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކުވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށާއި އެކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާ ކަމަށެވެ.

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި އެ މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮ ގޮތުގައި ކުރުމަށް މަސައްކަތްކުރާ އަދި ދުނިޔެއާއި އާޚިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްތުކުރާ މީހާ ކަމަށްވެސް މުފްތީ މެންކް ވިދާޅުވި އެވެ.

މީގެއިތުރުުން އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުފްތީ މެންކް ވިދާޅުވި އެވެ. އަދި އިސްލާމްދީނުގައި މަޢާފަށް އެދުމާއި މަޢާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން މުފްތީ މެންކް ފާހަގަކުރެއްވި އެވެ.