Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ނަޝްވާ ޖަނާޒާ މިރޭ ހިތަދޫގައި

އިއްޔެ ކ. މާފުށީގައި ގެނބިގެން މަރުވި ނަޝްވާ ނަސީމްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށް ފަހު އޭނަގެ އުފަން ރަށް އައްޑޫ ހިތަދޫގައި ބާއްވަން ނިންމައިފި އެވެ.

ހިތަދޫ އަސުރުމާގޭ ނަޝްވާ، 18، ގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ ހިތަދޫ މަސްޖިދު ތަގުވާގަ އެވެ. އޭނަގެ ޖަނާޒާ އައްޑޫގައި ބާއްވަން ނިންމީ އާއިލާ އިން ބޭނުންވެގެން ހަށިގަަނޑު މިއަދު އައްޑު އަށް ގެނައުމަށް ފަހު އެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ޓްރެއިނިންގެ ތެރޭގައި މޫދުގައި އުޅެނިކޮށް ގެނބިގެން ނަޝްވާ މަރުވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސް ބުނީ، ފެތުމާ ބެހޭ ސެޝަންގައި އިއްޔެ ހެނދުނު 11:30 ހާއިރު ފަތަން އުޅުމުގެ ތެރޭގައި ނަޝްވާ އަށް އާދަޔާހިލާފު ގޮތްތަކެއްވާކަން ފާހަގަކުރެވިގެން އޭނާ ވަގުތުން މޫދުން ނެގި ކަމަށެވެ. އޭރު ހަށިގަނޑުގެ ވިންދު ނެތްކަން ފާހަގަކުރެވިގެން، އަވަސް ފަރުވާ ދޭން މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށް ބުންޏެވެ. އަދި އެތަނުގެ ޑޮކްޓަރުގެ ލަފާގެ މަތިން އިމަޖެންސީގައި ވަގުތުން މާލެ ގެންގޮސް އައިޖީއެމްއެޗުގައި އަވަސް ފަރުވާދިން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި ނަޝްވީ މަރުވީ ފަރުވާ ދެނިކޮށް ކަމަށް އެތަނުން ބުންޏެވެ.

ނަޝްވާ އަކީ 2019 ގައި ހިތަދޫ ސްކޫލުގައި އޯ ލެވެލް ހެދި ޒުވާނެކެވެ. އެ ސްކޫލްގައި ކިޔެވި އިރު އޭނަ އަކީ ކެޑޭޓްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ދަރިވަރެކެވެ.