Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

މިއީ ތަރައްގީއާ ދެކޮޅު 19: އައްޑޫ ޝަރީފު

ސަރުކާރުން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި ބިލާއި ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންނަކީ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލެވެންސް ބޮޑު ކުރުމާއި، ރާއްޖޭގެ ތަރައްޤީ އާއި ދެކޮޅު މެމްބަރުންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސް ކުރުމަށް މިއަދު ވޯޓަށް އެހުމުން 19 މެމްބަރަކު ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދީފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ހިމެނެއެވެ.

ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި 19 މެމްބަރުންގެ ފޮޓޯ އާއި އެކު ވިދާޅުވީ އެ 19 މެމްބަރުންނަކީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޯދު ކުރުމަށް ދެކޮޅު މެމްބަރުން ކަމަށެވެ. އަދި އެ 19 މެމްބަރުންނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވެންސް ބޮޑު ކުރުމަށް ވެސް ދެކޮޅު މެމްބަރުން ކަމަށެވެ. އަދި އެ 19 މެމްބަރުންނަކީ ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމާއި ދެކޮޅަށް ވޯޓު ދިން 19 މެމްބަރުން ކަމަށެވެ.

ޓެކްސް އިތުރު ކުރުމާއި އެކު އަންނަ އަހަރަށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މިއަދު މަޖްލިސްއަށް ހުށަހަޅުއްވާފައެވެ. ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުނުކޮށް އަދި ދައުލަތުގެ ހަރަދުތައް ކުޑަނުކޮށްފި ނަމަ، ބަޖެޓުގެ ޑެފިސިޓް 14 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.