Last Updated: April 19, 18:16
Friday, April 19, 2024
ދުނިޔެ

ޓްވިޓާ ވެރިފައިކުރަން ފީއެއް!

މާ ލަސްތަކެއް ނުވެ ޓްވިޓާ އެކައުންޓް ވެރިފައިކުރަން ފީއެއް ދައްކަން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުގައި މި ވާހަކަ މިހާރު އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް މިދިޔަ ހުކުރު ދުވަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމާ ގުޅިގެން، ކުރިން އަމަލުކުރަމުން އައި އެތައް އުސޫލެއް ބަދަލުކުރަން އަމާޒު ހިފާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އޭގެ ތެރެއިން އެއް ބަދަލަކީ އެކައުންޓް ވެރިފައިކުރަން ފީއެއް ދައްކަން ޖެހޭ ގޮތަށް ހެދުމެވެ.

މިކަމާ ބެހޭ ގޮތުން އީލޮން ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، އޭނަ ވިދާޅުވި ގޮތުގައި އެކައުންޓްތައް ވެރިފައިކޮށް ދޭން މިހާތަނަށް އަމަލުކުރަމުން އައި އުސޫލު މުރާޖާކުރަން ވަނީ ނިންމައިފަ އެވެ.

"އެ ޕްރޮސެސް އަށް އެބަޖެހޭ އެއްކޮށް ބަދަލުތަކެއް ގެންނަން." އޭނާ ވިދާޅުވި އެވެ.

ޓްވިޓާގެ "ރަސްކަން" ހޯއްދެވުމަށް ފަހު އޭގެ އިސްވެރިންތަކެއް ވަނީ ވަކިކޮށްފަ އެވެ. އަދި މިހާރު އަމާޒު ހިފާފައިވާ އަނެއް ކަމަކީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އެކަން އީލޮން ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

މީގެ 16 އަހަރު ކުރިން ވުޖޫދަށް އައި ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.